ހަބަރު

"އިމާރާތް ކުރުމުގެ ގާނޫނަކީ ކުރިއެރުމެއް، ވިިޔަފާރިތަކަށް ބިރެއް ނެތް"

ރައްޔިތުން މަޖިލީހުން ރޭ ފާސް ކުރި އިމާރަތްކުރުމާ ބެހޭ ބިލަކީ ރާއްޖޭގެ އިގްތިސާދީ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ބިލުގެ ސަބަބުން ވިޔަފާރި ކުންފުނިތަކަށް އެއްވެސް ބިރެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ ރަސްމީ ފޭސްބުކް މެދުވެރިކޮށް ލައިވްކޮށް ދެއްވި ސްޓޭޓްމެންޓެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ ދެވަނަ އަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތަކީ އިމާރާތްކުރުމުގެ ސިނާއަތް ކަމަށެވެ. އަދި ވިދާޅުވީ، މިބިލަކީ، މި ސިނާއަތުގައި ހިމެނޭ ހުރިހާ ފަރާތްތައް ހިމާޔަތް ވެގެންދާ، އަދި އެ ފަރާތްތަކަށް ކުރި އެރުން މަގު ފަހިވެގެން ދާނެ ބިލެއް ކަމަށެވެ.

މިނިސްޓާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ކުދި ވިޔަފާރި ކުރާ ފަރާތްތަކުން ފެށިގެން ގޮސް އެންމެ ބޮޑެތި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް މި ބިލުގެ ސަބަބުން ކުރިއެރުން ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން ދެން މި ބިލުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާރާތް ކުރުމުގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތައްވެ، ހިތްހަމަ ޖެހުން ލިބޭނެ ކަމަށް. އެންމެ ކުދި މަސައްކަތް ކުރާ ފަރާތްތަކާއި، މެދު ފަންތި އާއި، އަދި އެންމެ ބޮޑެތި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެ ފަރާތްތައް އެކުރާ މަސައްކަތުގައި އެއްވެސް ހުރަހެއް ނެތި ކުރިޔަށް ދެވޭނެ." މިނިސްޓާ ވިދާޅުވި އެވެ.

މި ބިލުގެ ސަބަބުން ދިވެހިންނަށް އިމާރަތްކުރުމުގެ ސިނާއަތަށް ވަނުމަށް ހިތްވަރު ލިބި މަގު ފަހިވެގެން ދާނެ ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ. އަދި ބިލަކީ، އިމާރާތްތަކުގެ ފެންވަރު ރަގަޅު ކުރުމަށް ބާރު އަޅާނެ ބިލެއް ކަމަށާއި، އިމާރާތްކުރުމުގެ ދާއިރާގައި ދިމާވާ ސަލާމަތީ އެކި ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގު ފަހިކޮށްދޭނެ ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ.

"މި ބިލަކީ، އިމާރާތް ކުރުމުގެ ދާއިރާ އަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެ ބިލެއް. އަދި ދިވެހިންނަށް އިމާރާތްކުރުމުގެ ސިނާއަތަށް ވަނުމަށް މަގު ފަހި ވެގެންދާނެ ބިލަކަށް ވެސް މި ބިލު ވާނެ. އަދި އިމާރާތް ކުރުމުގެ ފެންވަރު ރަގަޅު ކުރުމަށް ވެސް މި ބިލު ބާރު ވެރިވެގެން އެބަ ދޭ. އަދި އިމާރާތް ކުރުމުގަ ދިމާވާ ސަލާމަތީ ކަންކަމުގަ ހަރުދަނާ ފޔަވަޅުތަެއް އެޅުމަށް މަގު ފަހިކޮށްދޭ ބިލަކަށް ވެސް މި ބިލު ވެގެން އެބަ ދޭ." މިނިސްޓާ ވިދާޅުވި އެވެ.

މީގެ އިތުރުން، ބިލަށް އަމަލު ކުރުމަށް އަދި ގާތްގަނޑަކަަށް ހަ މަސް ދުވަސް އެބަ އޮތް ކަމަށް ވިދާޅުވެ، މި ހަ މަސް ދުވަސް ތެރޭގައި އެ މިނިސްޓްރީ އިން މި ބިިލަށް ހަދަން ޖެހޭ ގަވާއިދުތައް ހަދާ ގެޒެޓް ކުރަމުން ދާނެ ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ފާސް ކުރި އިމާރާތްކުރުމުގެ ބިލަކީ، އިމާރާތް ކުރުމަށް ގިނަ ގާނޫނުތަކަކާއި ގަވާއިދުތަކެއް އެކުލަވާ ލާފައިވާ ބިލެކެވެ. މި ބިލުގައި، ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ އާއި ނުލައި އިމާރާތް ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ބިލުގައި ބުނާ ގޮތުން، ހުއްދަ ނެގުމަށް ފަހުގައި ވެސް، އިމާރާތް ފެށުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އިމާރާތް ކުރަން ނުފަށައިފި ނަމަ އެ ހުއްދަ ބާތިލް ވާނެ އެވެ. މީގެ އިތުރުން މި ބިލުގައި ބުނާ ގޮތުންނަމަ، ހުއްދަ ހޯދުމަކާ ނުލާ އިމާރާތް ކުރެވޭނީ، ދިމާވާ ކުއްލި ހާލަތެއްގެ ސަބަބުން އިމާރާތް ކުރުމާއި މީހެއްގެ ފުރާނައަށް ރައްކާތެރިކަން ދިނުމަށް ކުރާ އިމާރާތްތަކާއި، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ހާލަތަކުން ސަލާމަތް ކުރުމަށް ކުރާ އިމާރާތްތަކާއި، ގުދުރަތީ ކާރިސާއަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ކުރާ އިމާރާތްތަކެވެ. އަދި އުސޫލާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް ވެސް ވަނީ މި ބިލްގައި ކަނޑައަޅައިފަ އެވެ.