ހަބަރު

ބުރިޖްގެ މަޝްވަރާތަކަކަށް ހައުސިން މިނިސްޓަރު ޗައިނާއަށް

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތްތަކާއި ބެހޭ ގޮތުން މިހުންމު މަޝްވަރާތަކެއް ކުރުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ފުރާ ވަޑައިގެންފި އެވެ.

މިނސްޓާ ޑރ. މުއިއްޒު ޗައިނާ އަށް ފުރާވަޑާއިގަތީ ރޭގެ ވަގުތެއްގަ އެވެ. މިނިސްޓާ ފުރާވަޑާއިގަތުމުގެ ކުރިން، ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަފުޅު ދައްކަމުން ވިދާޅުވީ، މި ދަތުރުފުޅަކީ، ޗައިނާ އިން ރާއްޖޭގައި އަޅަމުންދާ ބުރިޖްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި ބެހޭގޮތުން ކުރަން ހުރި މުހިންމު މަޝްވަރާތަކެއް ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓާ ވިދާޅުވީ، މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނީ، މިހާރު ކުރިޔަށް ދާ މަސައްކަތްތަކާއި، ދެން ކުރިޔަށް ގެންދަން ހުރި މަސައްކަތްތަކާއި ބެހޭގޮތުން ކަމަށެވެ. އަދި މީގެ އިތުރުން، މިބައްދަލުވުންތަކުގައި، ސައިޓް ވިޒިޓްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ، ބުރިޖުގެ މަސައްކަތްތައް ދާގޮތް މަސައްކަތް ކުރާ ކުންފުނީގެ މައި އޮފީހަށް ގޮސް ބަލައި، މިކަމާ ގުޅޭ ސައިޓުތަކަށް ގޮސް ބަލައި ހެދުމަށްޓަކައި. މި ދަތުރަކީ، ރައްޔިތުންނަށް އިތުރު ޔަގީން ކަމެއް ހޯދާދިނުމަށްޓަކައި ކުރާ ދަތުރެއް." މިނިސްޓާ ވިދާޅުވި އެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކީ، މަސައްކަތްތައް ދާގޮތް ބެލުމާއި، މަސައްކަތުގެ ކޮލިޓީ ބެލެހެއްޓުމަށް ކުރާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ.