ދުނިޔެ

ކެމިކަލް ހަމަލާ ކުށްވެރި ކުރަން އުޅުމުން ރަޝިޔާއިން ވީޓޯކޮށްފި

Apr 13, 2017

މިހިނގާ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ސޫރިޔާގައި ދިން ކެމިކަލް ހަމަލާކުށްވެރިކޮށް، އެހަމަލާގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން އުޅުމުން ރަޝިޔާއިން އެ ގަރާރު ވީޓޯ ކޮށްފިއެވެ.

ހަ އަހަރު ވެފައިވާ ސޫރިޔާ ހަނގުރާމައިގައި އެގައުމުގެ ސަރުކާރުން ހިންގި އެކި އެކި ޖަރީމާ ތަކާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ކުރަން އުޅުނު މަސައްކަތްތަކަށް ރަޝިޔާއިން ހުރަސް އެޅި މިއީ އަށް ވަނަ ފަހަރެވެ.

ރަޝިޔާއިން މިފަހަރު ހުއްޓުވީ ސޫރިޔާގެ އިދުލީބުގެ ޚާން ޝައިޚޫން ނަމަކަށް ކިޔާ ރަށުގައި ދިން ކެމިކަލް ހަމަލާގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ގޮވާލައި އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުން ހުށަހެޅި ގަރާރެކެވެ. އެހަމަލާއާ ގުޅިގެން އެމެރިކާއިން ވަނީ ސޫރިޔާ ސަރުކާރުގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައެވެ. އެމެރިކާއިން އެގޮތަށް އަމަލުކުރުމުން ރަޝިޔާއާ އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އިއްޔެ ވިދާޅުވެފައި ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތަށް ވަޑައިގެންނެވި ފަހުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެފައިވާ ކަމަށެވެ. އެމެރިކާގެ ފަރާތުން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވެސް ވިދާޅުވެފައި ވަނީ އެއްގައުމުން އަނެއްގައުމަށް ކުރާ އިތުބާރު ވަރަށް ކުޑަވެފައިވާ ކަމަށެވެ.

ސޫރިޔާގެ އިދުލީބު ޕްރޮވިންސްގެ ޚާން ޝައިޚޫން އަށް މިހިނގާ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ހެނދުނު ދިން ކެމިކަލް ހަމަލާގައި މަރުވިމީހުންގެ އަދަދު މިހާރު ވަނީ 70 އަށް އަރާފައެވެ. އެހަމަލާފައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެސް ވިއެވެ. ކުރީ ފަހަރު ތަކެކޭ އެއްގޮތަށް އެހަމަލާގެ ޒިންމާއިން ވެސް އަސަދުގެ ސަރުކާރު ވަނީ ރެކިގަނެފައެވެ. އެހަމަލާއަކީ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ޣޫތާގައި 2013 ވަނަ އަހަރު ދިން ގޭސް ހަމަލާގެ ފަހުން ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ. ކުރީ ފަހަރުގެ ހަމަލާގައި އެތައް ސަތޭކަ އާއްމުންނެެއް މަރުވި އެވެ. - ރޮއިޓާސް