ހަބަރު

މުޖުތަމައު އަމާންކުރަން ކުރާ މަސައްކަތުގައި ހައްގުތަކެއް ހަނިކުރެވޭނެ: ރައީސް

Mar 29, 2015
1

ޑިމޮކްރަސީގެ އަސާސްގެ ތެރެއިން ބައެއް ރައްޔިތުންގެ ހައްގު ހަނިކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުތަށް 82 އަހަރު ފުރުމާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ގިނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް ރައްޔިތުން ގެ ހައްގުތައް ހަނިކުރުމަށް އިސްލާހު ހުށަހަޅާ ކަމަށެވެ. އަދި ވިދާޅުވީ އަމަންއަމާންކަން ގާއިމު ކުރުމަށް ދުނިޔޭގައި މިހާރު ބޭނުންކުރަނީ ޑިމޮކްރެޓިކް ޕޮލިސިން ކަމަށެވެ. އަދި ޑިމޮކްރެޓިކް ޕޮލިސިންގެ ދަށުން ރައްޔިތުންގެ ހައްގުތައް ފުލުހުންނަށް ހަނި ކުރެވޭނެ ކަމަށާއި އެއީ ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރެއް ކަމަށް ވެސް ރައީސް ވިދާޅުބި އެވެ. ހުރިހާ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް އަމަލު ކުރުމަކީ ޑިމޮކްރެޓިކް ޕޮލިސިންގެ އަސާސެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަކީ ގާނޫނުގެ ތެރެއިން ބާރު ލިބިގެން ގާނޫނުގެ ތެރެއިން މަސައްކަތް ކުރާ މުއައްސަސާއެއް ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމާމެދު އެއްްވެސް ފަރާތަކުން ސުވާލު އުފައްދައިގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މީހުން މެރުމާއި އަނިޔާވެރި އަމަލުތައް ހިންގުމަކީ އެއްވެސް މުޖުތަމައެއްގައި ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށާއި މި ސަރުކާރުން ރައްޔިތުންނަށް ލިބެންޖެހޭ އަމާންކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރު ގާނޫނު ނެގެހެއްޓުމުގައި ދެމި އޮންނާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ގޮވާލި ނަމަވެސް ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަންކަން ތަހުގީގު ކުރަން ނާންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީހުންމަރާ މީހުން ހޯދަން އިސްކަމެއް ދެއްވާނެ ކަމަށާއި އެފަދަ މީހުން ހޯދާއިރު އެފަދަ އަމަލުތައް ރާވައި އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުން ވެސް ހޯދާނެ ކަމަށެވެ.