ދުނިޔެ

ބެސްލާންގެ ގަތުލު އާއްމު ހިނގީ ރަޝިޔާއިން ފިޔަވަޅު ނޭޅުމުން

Apr 13, 2017
1

ރަޝިޔާގެ ބެސްލާން ނަމަކަށް ކިޔާ ރަށުގެ ސްކޫލެއްގައި 2004 ވަަނަ އަހަރު ހިނގި ގަތުލު އާއްމު ހިނގީ އެކަން ހުއްޓުވަން ރަޝިޔާއިން ފިޔަވަޅު ނޭޅުމުން ކަމަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމައިފިއެވެ.

ބެސްލާންގެ ސްކޫލަކަށް ޗެޗްނިއާގެ ހަނގުރާމަވެރިންގެ ބަޔަކު ވަދެ ދަރިވަރުންނާއި މުދައްރިސުން ރަހީނު ކުރުމުން، އެކަން ހުއްޓުވަން ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި 330 މީހުން މަރުވި އިރު އޭގެ ތެރޭގައި 186 ކުޑަކުދިން ވެސް ހިމެނެއެވެ. ޗެޗެން ހަނގުރާމަވެރިން ރަހީނުކުރީ 1000 މީހުންނެވެ. ހާދިސާއިން ސަލާމަތް ވީ މީހުން ބުނެފައި ވަނީ ރަހީނުވި މީހުން ސަލާމަތް ކުރަން ރަޝިޔާ ސިފައިން އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރި ކަމަށެވެ.

އެމީހުން ބުނެފައި ވަނީ ހާދިސާ ހިނގަން އުޅޭ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތުތަކަށް ރަޝިޔާގެ އޮފިޝަލުން އަޅައި ނުލާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެކަމުގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވެސް އިހުމާލުވެވަޑައިގެންފައިވާ ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

ޔޫރަޕިއަން ކޯޓުން ނިންމީ އެހާދިސާގައި ރަޝިޔާއިން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން ޓޭންކާއި ރޮކޮޓް ފަދަ ބަރު ހަތިޔާރުތައްް ވެސް ބޭނުންކޮށްފައިވާ ކަމަށާއި ގިނަ ބަޔަކު މަރުވީ ވެސް އެހެންވެ ކަމަށް ކޯޓްގެ ނިންމުމުގައި ބުނެފައި ވެއެވެ.

ބެސްލާންގެ ގަތުލު އާއްމު ހިނގަން މެދުވެރިވީ ރަޝިޔާގެ އަތްދަށުން ޗެޗްނިއާ މިނިވަން ކުރަން މަސައްކަތް ކުރި ހަނގުރާމަވެރިންގެ ބަޔަކު އެރަށް ހިސާރުކޮށް، ހާހަކަށް ވުރެ ގިނަ މީހުން ސްކޫލެއްގެ ތެރޭގައި ރަހީނުކުރުމުންނެވެ. އެހާދިސާ ފެށުނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ހަނގުރާމަވެރިން ސްކޫލް ތެރޭގައި މީހުން ރަހީނުކުރިތާ ތިން ވަނައަށް ވީ ދުވަހު ރަޝިޔާ ސިފައިން އެ ސްކޫލަށް ހަމަލާދިނީ ޓޭންކާއި ރޮކެޓުންނެވެ.

މީހުން ރަހީނު ކުރި މީހުންގެ ތެރެއިން ރަޝިޔާގެ ބާރުތަކަށް ދިރިހުއްޓައި ހައްޔަރުކުރެވުނީ އެންމެ މީހެކެވެ. އެހާދިސާ ތަހުގީގުކުރުމަށް ޝަރިޔާއިން ދިގު މުއްދަތެއް ހޭދަކުރުމުން ދިއުމާއި އެގައުމުގެ ޝަރުއީ ނިޒާމާ މެދު އިތުބާރު ނެތުމުން 400 އަށް ވުރެ ގިނަ މީހުން އެމައްސަލަ ޔޫރަޕިއަން ކޯޓަށް ހުށަހެޅިއެވެ.