ދުނިޔެ

މިލޭނިއާގެ ދޮގު ހަބަރު ޖެހި ނޫހުން 2.4 މިލިޔަން ޑޮލަރު ދޭން ޖެހިއްޖެ

Apr 13, 2017
1

އެމެރިކާގެ ފަސްޓްލޭޑީ މިލޭނިއާ ޓްރަމްޕާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ފެތުރު ދޮގު ވާހަކައަކުން ލިބުނު ގެއްލުމުގެ ބަދަލުގައި އޭނޫހުން އޭނާއަށް 2.4 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދޭން އެނޫހުން ހުށަހެޅުމުން އޭނާ އެކަން ގަބޫލުކުރައްވައިފިއެވެ.

މިލޭނިއާ މޮޑެލް ކުރުމުގެ ދާއިރާގަައި މަސައްކަތް ކުރެއްވި ދުވަސްވަރު ހަމަ " ހަމަ އެކަނި މޮޑެލް ކުރުމުގެ މަސައްކަތަށް ވުރެ އިތުރު ހިދުމަތްތައް ދެއްވި" ކަމަށް ބުނެ ޑެއިލީ މެއިލް އިން 2016 ވަނަ އަހަރު ލިއުމެއް ފެތުރުމުން އޭނާ ވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ކޯޓްތަކުގައި އެނޫހާ ދެކޮޅަށް ދައުވާކުރައްވާފައެވެ. އޭނާ އޭރު ދައުވާ ކުރައްވާފައި ވަނީ އަބުރު ގެއްލޭ ގޮތަށް ޝާއިއުކުރި އެލިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 150 މިލިޔަން ޑޮލަރު ހޯއްދަވާށެވެ. ނަމަވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ޑެއިލީ މެއިލް އިން ހުށަހެޅި ތިން މިލިޔަން ޑޮލަަރަށް ވުރެ މަދު އަދަދެއްގެ ފައިސާ ގަބޫލުކުރައްވަން މިލޭނިއާ މިހާރު ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ޑެއިލީ މެއިލް އިން ވަނީ އެނޫހުން ޝާއިއުކުރި ލިއުން ނޫހުގެ ވެބްސައިޓުން ނަގައި މިލޭނިއާގެ ކިބައިން މައާފަށް އެދިފައެވެ. މައާފަށް އެދި ބަދަލު ދީގެން މައްސަލަ ނިންމަން ޑެއިލީ މެއިލްއާއި މިލޭނިއާ އެއްބަސްވެ އެކަމުގެ ލިއުމެއް މިހާރު ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް ކޯޓްސް ގެ 14 ނަމްބަރު ކޯޓްގައި ރަޖިސްޓްރީކޮށްފައެވެ.

އެމެރިކާގެ ރިޔާއީ އިންތިހާބުގެ ކެމްޕޭން ކުރިއަށް ދަނިކޮށް ޑެއިލީ މެއިލް އިން ޝާއިއުކުރި އެ ލިއުމުގައި ދައުވާކޮށްފައި ވަނީ މިލޭނިއާ މޮޑެލް ކުރެއްވި ދުވަސްވަރުގެ ފޮޓޯތަކާއި އޭނާ މަސައްކަތް ކުރެއްވި ގޮތާ ބެހޭ ގޮތުން އުފެދިފައި ހުރި ސުވާލުތަކުގެ ސަބަބުން ޓްރަމްޕްގެ ކެމްޕޭނަށް ހިޔަނި އެޅޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އަކީ އެނޫހުން ޝާއިއުކުރާ ހަބަރުތަކާ ގުޅިގެން އަބުރުގެ ގިނަ ދައުވާތަކެއް އެނޫހާ ދެކޮޅަށް އުފުލޭ ނޫހެކެވެ. އެނޫހާ ދެކޮޅަށް 2001 ވަނަ އަހަރުން ފެށިގެން މިހައި ތަނަށް އެކި މީހުން ކުރި ދައުވާތަކުގެ ތެރެއިން ނުވަ ދައުވާއެއް ވަނީ ސާބިތުވެފައެވެ.