ބޮލީވުޑް

ދިޕިކާގެ އިސްތަށިގަނޑުގެ އާ ކުލަ ބަންސާލީގެ ބޮލުރިހުމަކަށް

Apr 14, 2017

ތާޜީހީ ލޯބީގެ ފިލްމުތައް އުފައްދަން ދެވަނައެއް ނެތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އެންމެ އުންމީދީ ފިލްމަކީ އޭނާ މިހާރު އުފައްދަން ފަށާފައިވަނީ "ޕަދްމާވަތީ" އެވެ.

ޒުވާން ތިން ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރު ލީޑް ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ ސެޓަށް ދެ ފަހަރެއްގެ މަތިން ދިން ހަމަލާގެ ސަބަބުން ފިލްމުގެ ޝޫޓިން ވަނީ މަޑުޖެހިފަ އެވެ.

ރާނީ ޕަދްމިނީގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމުގައި ތާރީހީ ގޮތުން އޮޅުވާލެވިފައިވާ މަންޒަރުތަކާއި ރާނީ ޕަދްމިނީ (ދީޕިކާ ޕަދްކޯން) އާއި އަލާއުއްދީން ހިލްޖީ (ރަންވީރު ސިންގް) ގެ ދެމެދުގައި ލޯބީގެ މަންޒަރުތަކެއް ހިމަނާފައިވާ ކަމަށް ބުނެ ޖެއިޕޫރުގެ ޝްރީ ރާޖްޕުޓް ކަރްނީ ސޭނާ ގްރޫޕުން އެންމެ ފުރަތަމަ ފިލްމުގެ ސެޓަށް ގެއްލުންދީ، ބަންސާލީ ގައިގައި ވަނީ ތަޅައިގެންފަ އެވެ. އޭގެފަހުން ވަނީ ފިލްމުގެ ޖޫނިއާ އާޓިސްޓުންގެ ކޮސްޓިއުމް ބަހައްޓާފައި ހުރި ޓެންޓެއްގައި ރޯކޮށްލާފަ އެވެ.

ފިލްމުގެ ޝޫޓިން މިދިޔަ ނޮވެމްބަރުގައި ފަށައި ބާރު ސްޕީޑުގައި ކުރިއަށް ދަނިކޮށ ކާނި ސެނާ ގްރޫޕުން ކުރިމަތި ކުރަން ފެށި ފިއްތުންތަކާ ގުޅިގެން ފިލްމުގެ ޝޫޓިން މަޑުޖެހި، ފިލްމު އުފައްދާ ފަރާތަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިހެން އޮތްވާ، ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާ ދިޕިކާއާ ހެދި ބަންސާލީގެ ހާސްކަން މިވަނީ އިތުރުވެފަ އެވެ.

ސަބަބަކަށްވީ މިފަހުން އޭނާގެ އިސްތަށިގަނޑުގެ ކުލަ ބަދަލު ކުރުމެވެ. ދިޕިކާ މިފަހުން ލޯރިއަލް ޕެރިސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާއިރު، އަންނަ މަހުގައި އޮންނަ ކާން ފިލްމު ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ދިޕިކާ ހިނގާލާއިރު އޭނާ ފެނިގެންދާނެ ގޮތް ނުވަތަ ލުކް ޓެސްޓް ކުރުން ތަކެއް ކުރިއަށް ގެންދިޔުމަށް އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްފައިވާއިރު، މިކަންވީ ބަންސާލީ އަށް ބޮޑު ބޮލު ރިހުމަކަށެވެ. މިދިޔަ ހަފްތާގެ ދިޕިކާގެ ފޮޓޯތަކެއް ސޯޝަލް މިޑިއާގައި ދައުވާން ފެށިއިރު ގިނަ ބައެއްގެ ސަމާލުކަން އަތުލީ ރަންކުލަ ޖައްސައި ރީތިކޮށްލާފައިވާ އިސްތަށިގަނޑަށެވެ.

ޝާހިދު އާއެކު މިފަހުން "ޕަދްމާވަތީ" ގެ ބައެއް މަންޒަރުތައް ނަގަން ފަށާފައިވީ ނަމަވެސް ދިޕިކާގެ އިސްތަށިގަނޑުގައި ޖެއްސި ކުލައިގެ ސަބަބުން ފިލްމުގެ ޝޫޓިން އަލުން މިވަނީ މަޑުޖެހިފަ އެވެ.

ބުނެވޭ ގޮތުގައި ކޭން ފިލްމްް ފެސްޓިވަަލަށް ދާން ތައްޔާރުވުމުގެ ގޮތުން އިސްތަށިގަނޑުގައި ކުލަތައް ޖައްސައި، އޭނާގެ ލުކް ގެންދަނީ އެކްސްޕެރިމަންޓް ކުރަމުންނެވެ. އެގޮތުން ދިޕިކާ އޭނާއާ އެންމެ ގުޅޭނެ ކުލައެއް އިސްތަށިގަނޑުގައި ޖެހެންދެން އެކި ކުލަ ޖައްސަަމުން ގެންދާނެ ކަމަށްވެ އެވެ.

"ޕަދްމާވަތީ" ގައި ދިޕިކާ ފެނިގެންދަނީ 14 ވަނަ ގަރުނުގެ ރާނީއެއްގެ ރޯލުން ކަމަށް ވުމުން އެ ޒަމާނުގައި އިސްތަށިގަނޑު ތަފާތު ކުލަތައް ޖައްސާފައިނުވާނެއިރު، ދިޕިކާގެ އިސްތަށިގަނޑުގައި ބްރައުން ނުވަތަ ރަން ކުލައިގައި ހުއްޓައި ފިލްމުގެ ޝޫޓިން ފެށޭކަށް ނެތެވެ. އޭނާ ކޭންގެ ރެޑްކާޕެޓްގައި ހިނގާލާފައި އައިސް އިސްތަަށިގަނޑުގެ ކުލަ ކަޅުކުލަޔަށް ބަދަލު ކުރުމުން ނޫނީ ފިލްމުގައި ދިޕިކާގެ މަންޒަރުތައް އަލުން ނަގަން ފެށޭކަށް ނެތެވެ.

މި ފިލްމަށް ދިމާވި އެކި މައްސަލަތަކާ ހުރެ ފިލްމުގެ ޝޫޓިން ތާވަލްކުރި ޝެޑިއުލަށް ވުރެން މާބޮޑު ތަން ވެސް ނުނިމި ލަސްވެގެން ގޮސްފައިވާއިރު، ދިޕިކާގެ ސަބަބުން ފިލްމުގެ ޝޫޓިން އިތުރަށް ދިގުލައިގެން ދިއުމަކީ ގާތް ކަމެކެވެ.

ފިލްމުގެ ޝޫޓިންގެ ތެރޭގައި ތަކެއްޗަށް ލިބުނު ގެއްލުމާއެކު ޝޫޓިން ލަސްވެގެން ދިޔުމަކީ ކަނޑައެޅިފައިވާ ބަޖެޓަށްވުރެން ފިލްމުގެ ހަރަދު ބޮޑުވެ، ޕްރޮޑިއުސަރުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.