ހަބަރު

ރެޑްބުލް ޑޫޑުލް އާޓް ފެސްޓިވަލް ފަށައިފި

ތިން ވަނަ ރެޑްބުލް ޑޫޑުލް އާޓް ފެސްޓިވަލް ރާއްޖޭގައި އިއްޔެ ފަށައިފި އެވެ.

މި ފެސްޓިވަލް އަކީ، ރެޑްބުލް އިން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލް އެކެވެ. މިއީ ރާއްޖޭގައި މި ފެސްޓިވަލް ބާއްވާ ދެވަނަ ފަހަރެވެ.

އިއްޔެ ފެށުން ރެޑްބުލް ޑޫޑުލް ފެސްޓިވަލްއަށް ކުރެހުން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ މި މަހުގެ 26 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފަ އެވެ. މި ފެސްޓިވަލް އަށް ހުށަހަޅާ ކުރެހުންތައް ރެޑްބުލް ވެބްސައިޓް މެދުވެރިކޮށް ވެސް، އަދި މާލޭގެ ބައެއް ކެފޭ ތަކުގައި ބަހައްޓާފައި ހުރި ފޮށިތަކަށް ވެސް ލެވޭނެ އެވެ.

މި ފެސްޓިވަލްއަށް ކުރެހުން ހުށަހަޅާ ފޮށިތައް ބަހައްޓާފައި ހުރީ މާލޭގަ އެވެ. އެގޮތުން ފޮށިތައް ބެހެއްޓިފައި ހުރި ކެފޭ ތަކަކީ، ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯ އާއި، ވައިލްޑް އެންޑް ވުޑް އާއި، ކެފެއާ އާއި، ދަ ސީ ހައުސް މޯލްޑިވްސް އާއި، ދަ ސީ ހައުސް ބްރެސްރީ އާއި، ބްރޭކްވޯޓާ އާއި، ނޯވެލް ގްރިލް އެންޑް ރެސްޓްރޯންޓް އާއި، ކެފޭ ލައިރޭ އާއި، ކަވާނާ އާއި ޖީ ސިކްސް އެވެ.

ރެޑް ބުލް ކުންފުނިން ބުނާ ގޮތުގައި، މި މުބާރާތަށް ހުށަހަޅާ ކުރެހުން ތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 20 ކުރެހުމެއް އެ ކުންފުނިން ހޮވާނެ އެވެ. ކުރެހުންތަކަށް ވޯޓު ލުމުގެ ފުރުސަތު، މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 3 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާނެ އެވެ. އަދި އެ 20 ކުރެހުމުގެ ތެރެއިން އެންމެ ރީތި ތިން ކުރެހުމެއް ހޮވާނީ، މެއި މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ގައުމީ މައުރަޒުގައި، 3 ފަނޑިޔާރުންގެ ވޯޓުންނެވެ.

ތިންވަނަ ރެޑް ބުލް ޑޫޑުލް އާޓް ފެސްޓިވަލް އަށް ވަރަށް ހާއްސަ ފިނަލް އެއް އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. މި ފެސްޓިވަލް ގައި ވަނަ ހޯދާ ފަރާތްތަކަށް ވާޗުއަލް ރިއާލިޓީ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ވަނަ ތަކަށް ދާ ފަރާތްތަކުގެ ފައިނަލް ކުރެހުމަށް ތްރީޑީ ކޮށް ކުރެހުން ތައްޔާރު ކުރާނެގޮތުގެ ތަމްރީނު ތައް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނި ބުނި ގޮތުގަައި، މި ފެސްޓިވަލްގެ ފައިނަލް މާސްޓާޕީސް ތަކަށް ޖަޖުކުރާނީ، ފަނޑިޔާރުންގެ ޕެނަލް އަކުން، ގްލޯބަލް ވާޗުއަލް ގެލެރީގަ އެވެ. ކުރެހުމަށް ލޯބި ކުރާ ކޮންމެ ފަރާތެއް ވެސް މި ކުރެހުންތައް ބަލާލުމަށް އެ ގެލެރީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ އެވެ.

ރެޑް ބުލް ކުންފުނިން ބުނާ ގޮތުގައި، ކޮންމެ އަހަރަކު މި ފެސްޓިވަލްއަށް 1000 އަށް ވުރެ ގިނަ ޔުނިވާސިޓީ ތަކުން 5000 އަށް ވުރެ ގިނަ ދަރިވަރުން އެކުދިންގެ ކުރެހުން ހުށަހަޅަ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި، މި މުބާރާތަކު އެއްވެސް ގަވާއިދެއް ނޯންނާނެ އެވެ. އަދި މި މުބާރާތަކީ، މިނިވަންކަމާއެކު ހިޔާލު ފާޅު ކުރުމަށް އޮތް ޕްލެޓްު ފޯމެއް ވެސް މެއެވެ.