ހަބަރު

ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "އަދަބީ އީދު" ފަށައިފި

"އަދަބީ އީދު" ގެ ނަމުގައި މާލޭ އާއި ހުޅުމާލޭގެ ސުކޫލުތަކަށް އަމާޒުކޮށްގެން ދިވެހި ބަހުގެ ދުވަސް މިއަދު ފަށައިފި އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތާޖުއްދީން ސުކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ގައުމީ ފެންވަރުގައި އަލަށް މި ބޭއްވޭ "އަދަބީ އީދު" ގެ އެންމެ ބޮޑު އެއް މަގުސަދަކީ މާލޭގެ ސުކޫލުގެ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކަކު އަނެކެއްގެ ކިބައިން ދިވެހި ބަސް އުގެނި ދިވެހި އަދަބު ދިރުވައި، ބަސް ކުރިއެރުވުމަށް އެހީތެރިވުން ކަމަށެވެ.

"މިއަދު މި ބޭއްވިގެންދާ އަދަބީ އީދަކީ މާލޭގެ ސުކޫލުތަކުގެ ދަރިވަރުން އެއްތަނަކަށް އެއްވެ، ދިވެހި ބަހާއި އަދަބީ ތާރީހަށްޓަކައި ގިނަ ހަރަކާތްތަކެއް ހިންގުމުގެ ގޮތުގައި ބޭއްވިގެންދާ އަދަބީ އީދެއް" އަޝްރަފް ވިދާޅުވި އެވެ.

ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ 14 އޭޕްރީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުﷲ ނަޒީރު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ އަޒުމަކީ ސުކޫލުތަކުގެ އިސްވެރިންނާއި ގުޅިގެން ހުރިހާ ސުކޫލެއްގައި ވެސް ދިވެހި ކުލަބެއް އުފެއްދުން ކަމަށާއި އަދި މިހާރު ހުރި ކުލަބުތައް އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް ދިވެހިބަސް އިތުރަށް ކުރި އެރުވުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.

"ދިވެހި ބަހަކީ ކާބަފައިން މި ޖީލަށް ދޫކޮށްފައި ދިޔަ އަމާނާތެއް ކަމަށާއި އެ އަމާނާތް ރައްކާތެރި ކަމާއެކު ކުރިއަށް އަންނަން އޮތް ޖީލަށް ފޯރުކޮށް ދިނުމަކީ އެންމެންގެ ވެސް ޒިންމާއެއް" ނަޒީރު ވިދާޅުވި އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެށި އަދަބީ އީދުގައި ސުކޫލު ތަކުގެ މެދުގައި ތަފާތު މުބާރާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތްތަކުގެ ނަތީޖާފާޅު ކުރުން މިރޭ ތާޖުއްދީން ސްކޫލް އޮންނާނެ އެވެ. މި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ގިނަ ސުކޫލުތަކަކުން ބައިވެރިވެފައި ވެއެވެ.