ދުނިޔެ

ބޯޓު ވައްޓާލީ ކޮކްޕިޓްގެ ދޮރު ހުޅުވަން ޕައިލެޓް އާދޭސް ކުރަނިކޮށް: އޯޑިއޯ

Mar 30, 2015

ޖަރުމަންގެ މަތިންދާ ބޯޓު ވައްޓާލާފައި ވަނީ ކޮކްޕިޓް ތެރެއަށް ވަންނަން ޕައިލެޓް ދޮރުގައި ތަޅައި އާދޭސް ކުރާތާ 13 މިނެޓް ފަހުން ކަމަށް، ބޯޓުގެ ކޮކްޕިޓް ވޮއިސް ރެކޯޑާ އިން ހާމަވެއްޖެ އެވެ.

ބޯޓު ވައްޓާލީ ޕައިލެޓް ފާހާނާ އަށް ދިޔަ ވަގުތު ކޮކްޕިޓް ތަޅުލައި، ކޯޕައިލެޓް ގަސްދުގައި ކަމަށް ތަހުގީގު ޓީމުން ކުރިން ވަނީ ހާމަކޮށްފަ އެވެ. ކޮކްޕިޓް ވޮއިސް ރެކޯޑާގެ އޯޑިއޯ ޖަރުމަންގެ ނޫހަކުން ލީކް ކޮށްލާފައި ވާއިރު ކުރިން ވެސް ތަހުގީގު ޓީމުން ބުނެފައިވާ ގޮތަށް، ޕައިލެޓް ކޮކްޕިޓްގެ ދޮރުގައި ތަޅަ އެވެ. އަދި އާދޭސްކުރަމުން ދޮރުގައި ތަޅަ އެވެ.

އެ އޯޑިއޯއާ ހަވާލާދީ ޖަރުމަންގެ ނޫހުގައި ބުނެފައި ވަނީ ފަސިންޖަރުން ހަޅޭއްލަވަން ފަށާ ކަމަށާއި ބޯޓު ތެރޭގައި ބިރުވެރިކަމެއް އުުފެދުނު ކަމަށެވެ. އަދި ޕައިލެޓް ދޮރުގައި ދަނގަޑުން ތަޅާއަޑު އިވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަރުމަންގެ ނޫހުން އެ އޯޑިއޯގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓުގައި އެ އޯޑިއޯ އެއްކޮށް ހިމަނާފައެއް ނުވެ އެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި އެ ރިޕޯޓަކީ އެ ނޫހަށް ލިބިފައިވާ ދޮޅު ގަޑިއިރުގެ އޯޑިއޯއެއްގެ ހުލާސާއެއް ކަމަށެވެ.

ކޮކްޕިޓްގެ ރެކޯޑިން ތަކަކީ ތަހުގީގުގައި އެންމެ ސިއްރުން ގެންގުޅޭ ރެކޯޑިންތަކެވެ. އެ ރެކޯޑިންތައް ލީކް ވެދާނެ ކަމާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. އެގޮތުން ސީއެންއެންގެ ރިޕޯޓަރަކާ ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ "އެފަދަ ގޮތަކަށް އޯޑިއޯ ލީކް ވުމަކީ ނާދިރު ކަމެއް" ކަމަށެވެ.

އޭނާ ބުނީ އެއާ ޓްރެފިކް ކޮންޓްރޯލާއި ކޮކްޕިޓްގައި ހިނގާ ކަންކަމުގެ އަޑު ޑައުންލޯޑް ކުރެވިދާނެ ކަމަށެވެ. ނަަމަވެސް އެއީ ޔޫރަޕުގައި އެހާ އާންމު ކަމެއް ނޫން ކަމަށާއި އެކަން އާންމުވަނީ އެމެރިކާގަ ކަމަށް ބުނެފައިވެ އެވެ.

ވައްޓާލި ބޯޓުގެ ކޮކްޕިޓްގެ އޯޑިއޯ ތަހުގީގު ޓީމުން ހޯދާފައިވީ ނަމަވެސް ފްލައިޓްގެ ޑޭޓާ ރިކޯޑަރު އަދި ފެނިފައެއް ނުވެ އެވެ.

ސްޕެއިންގެ ބާސެލޯނާ އިން ފުރައިގެން ޖަރުމަނުގެ ޑަސެލްޑޯފަށް ދަތުރުކުރި ބަޖެޓް އެއާލައިން ޖާމަންވިންގްސްގެ އެއާބަސް320 ބޯޓު ގަސްދުގައި ވައްޓާލީ ފްލައިޓްގެ ކޯޕައިލެޓް ލުބިޓުޒްގެ ސިއްހީ މައްސަލަތަކަކާ ހެދި މާޔޫސްވެގެން ކަމަށް މިހާތަނަށް ކުރި ތަހުގީގަށް ވަނީ އެނގިފަ އެވެ. ބޯޓު ވައްޓާލުމުން އޭގައި ތިބި 150 މީހުން ވަނީ މަރުވެފަ އެވެ.