ވެނެޒުއެލާ

ވެނެޒުއޭލާގެ ރައީސްގެ އަގުބޮޑު ޖެޓެއް އެމެރިކާއިން ހިފަހައްޓައިފި

އެމެރިކާއަށް އެންމެ ބޮޑަށް ގޮންޖައްސަވަމުން ގެންދަވާ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ޕްރައިވެޓް ޖެޓެއް އެމެރިކާއިން ހިފަހައްޓައިފި އެވެ.

އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި ވެނެޒުއެލާގެ ރައީސް މަދޫރޯ ދަތުރުކުރެއްވުމަށް ބައްލަވައިގެންފައިވާ 13 މިލިއަން ޑޮލަރުގެ މި އަގު ބޮޑު ޖެޓް، އެމެރިކާގެ ބާރުގެ ދަށަށް ގެނައީ އެމެރިކާއިން ވެނެޒުއޭލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ޖެޓް ގަނެފައިވާތީ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި އެންމެ ފަހުގެ އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޑެސޯލްޓް ފަލްކަން 900އީއެކްސް ޖެޓް، މިދިޔަ ހޯމަ ދުވަހު ޑޮމިނިކަން ރިޕަބްލިކްގައި ވަނިކޮށް އެ ޖެޓް އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް އެމެރިކާގެ ފްލޮރިޑާއަށް މިހާރު ވަނީ ގެނެސްފަ އެވެ.

އެމެރިކާއިން ޖެޓް ހިފަހެއްޓި ވަގުތު މަދޫރޯ އެ ޖެޓްގައި ނެތް ކަމަށްވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ.

އެމެރިކާގެ މި އަމަލާ ގުޅިގެން ވެނެޒުއެލާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި އެމެރިކާގެ އަމަލު ކުށްވެރިކޮށް ބުނެފައިވަނީ މިއީ އެންމެ މަތީ ފަންތީގެ ފޭރުމުގެ އަމަލެއް ކަމަށެވެ.

މަދޫރޯގެ ޖެޓެއް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފައި މިވަނީ ވެނެޒުއޭލާގައި އެންމެ ފަހުން ވެރިޔަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެމެރިކާ އިން ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް މަދޫރޯގެ ސަރުކާރާ ދެކޮޅަށް އަޅަމުންދާ ވަގުތެއްގައެވެ.

އެމެރިކާ އިން ބުނާ ގޮތުގައި މަޑޫރޯ ވަނީ އިންތިހާބު ވަގަށް ނަގާފަ އެވެ. އަދި އެ އިންތިހާބު އެމެރިކާ އިން ގަބޫލެއްވެސް ނުކުރެ އެވެ.