ދުނިޔެ

ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާއިން އިތުރު ފިޔަވަޅުތަކެއް އަޅައިފި

Feb 26, 2019

ކަރާކަސް (ފެބްރުއަރީ 26) - ވެނެޒުއޭލާގެ ބޯޑަރު އަވަށްތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުމަކަށް ބަދަލުވެފައިވާއިރު، ރައީސް ނިކޮލަސް މަޑޫރޯގެ އަރިސް ހަތަރު ބޭފުޅަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެ ނިންމުން އިއުލާނުކުރައްވާފައިވަނީ، އެ ސަރަހައްދަށް މިވަގުތު ވަޑައިގެން އުޅުއްވާ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ލެޓިން އެމެރިކާގެ ލީޑަރުންގެ އިތުރުން، ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުވެން ގުވައިޑޯއާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ކޮލަމްބިއާ މަގުން އެމެރިކާއިން ދިން އެހީ ހޯދުމަށް އެތަކެއް ހާސް ބަޔަކު އެއްވެފައިވާއިރު، އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ސިފައިން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. އެ ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެކަމާއި ގުޅިގެން، މަޑޫރޯ ވަނީ އަވަށްޓެރި ކޮލަމްބިއާ އާއެކު އޮންނަ ގުޅުން ކަނޑާލަން ނިންމަވައި، ވެނެޒުއޭލާގައި ތިބި ކޮލަމްބިއާ އޮފިޝަލުން ދިޔުމަށް އަންގަވައިފަ އެވެ. އަދި ކޮލަމްބިއާ މަގުން އެހީ ވަނުމަށް އޮންނަ މަގު ވެސް މަޑޫރޯ ވަނީ ބަންދުކުރައްވައިފަ އެވެ.

"މިއަދުން ފެށިގެން، ވެނެޒުއޭލާގެ ބޯޑަރު ސަރަހައްދުގެ ތިން ގަވަރުނަރުން ހިމެނޭގޮތަށް ސަރުކާރަށް ވާގިދޭ އޮފިޝަލުންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން ވަނީ ނިންމައިފަ،" ގުވައިޑޯގެ ފަހަތުގައި އެމެރިކާ އޮތްކަމަށް ހާމަކުރައްވަމުން ޕެންސް ވިދާޅުވި އެވެ.

އެމެރިކާ އިން ދުރުގައި އޮވެގެން ވެނެޒުއޭލާއަށް ނުފޫޒު ފޯރުވަމުންދާކަމަށާއި، އިދިކޮޅުން ދަނީ ބަޣާވާތެއް ކުރަމުންކަމަށް މަޑޫރޯ ވަނީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ތުހުމަތު ކުރައްވައިފަ އެވެ.

ހޫގޯ ޗާވޭޒް އަވަހަރަވުމާއި ގުޅިގެން، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި، އިގުތިސޯދު ފުނޑުފުނޑުވެ، ތަކެތީގެ އަގު ވަނީ 1،300،000 ޕަސަންޓު އިތުރުވެފަ އެވެ. ކާބޯތަކެއްޗާއި ބޭސް ނުލިބި، މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ވެނެޒުއޭލާ ދޫކޮށް އެހެން ގައުމުތަކަށް ވަނީ ހިޖުރަކޮށްފަ އެވެ.