ދުނިޔެ

އެމެރިކާގެ އިންޒާރާއެކު މަޑޫރޯއަށް ޕްރެޝަރު ބޮޑުވަނީ

Feb 25, 2019

ކަރާކަސް (ފެބްރުއަރީ 25) - ވެނެޒުއޭލާގެ ބޯޑަރު އަވަށްތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، އެގައުމަށް އެހީ ވަނުން ހުއްޓުވުމަށް ނިންމުމާއެކު، ބައިނަލްއަގުވާމީ މުޖުތަމުއު އިން ރައީސް ނިކޮލަސް މަޑޫރޯއަށް ކުރިމަތިވެފައިވާ ޕްރެޝަރު އިތުރަށް ބޮޑެވެއްޖެ އެވެ.

ވެނެޒުއޭލާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވާއިރު، ސަރަހައްދުގެ ގައުމުތައް ގުޅިގެން ވެނެޒުއޭލާ "މިނިވަން" ކުރަން މަސައްކަތް ފެށުމަށް އަވަށްޓެރި ބްރެޒިލްއިން ވަނީ ގޮވާލައިފަ އެވެ.

އެމެރިކާގެ ތާއީދު ލިބިފައިވާ އިދިކޮޅު ލީޑަރު ހުވެން ގުވައިޑޯ ވަނީ އެހީ ވަނުން ހުއްޓުވުން ކުށްވެރި ކުރައްވައި، މަޑޫރޯގެ ސަރުކާރާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައްވައިފަ އެވެ.

ކޮލަމްބިއާ މަގުން އެމެރިކާއިން ދިން އެހީ ހޯދުމަށް އެތަކެއް ހާސް ބަޔަކު އެއްވެފައިވާއިރު، އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ސިފައިން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. އެ ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާއިރު، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެކަމާއި ގުޅިގެން، މަޑޫރޯ ވަނީ އަވަށްޓެރި ކޮލަމްބިއާ އާއެކު އޮންނަ ގުޅުން ކަނޑާލަން ނިންމަވައި، ވެނެޒުއޭލާގައި ތިބި ކޮލަމްބިއާ އޮފިޝަލުން ދިޔުމަށް އަންގަވައިފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭއްވި އިންތިހާބު އިދިކޮޅު ޕާޓީތަކުން ބޯއިކޮޓް ކޮށްފައިވަނިކޮށް، ދެވަނަ ދައުރަކަށް އިންތިހާބުވި މަޑޫރޯ ވަނީ އެ ނިންމުމާއި ގުޅިގެން، އެމެރިކާ އާއެކު އޮންނަ ހާރިޖީ ގުޅުން ކަނޑާލައިފާކަން އިއުލާނުކުރައްވައިފަ އެވެ. އަދި ވެނެޒުއޭލާގައި ހުރި އެމެރިކާ އެމްބަސީ ބަންދުކޮށް އެތަނުގައި ތިބި މުޒައްޒަފުން އަނބުރާ ގެންދިއުމަށް 72 ގަޑިއިރުގެ މުހުލަތެއް ވަނީ ދެއްވައިފަ އެވެ.

އެމެރިކާ އިން ދުރުގައި އޮވެގެން ވެނެޒުއޭލާއަށް ނުފޫޒު ފޯރުވަމުންދާކަމަށާއި، އިދިކޮޅުން ދަނީ ބަޣާވާތެއް ކުރަމުންކަމަށް މަޑޫރޯ ވަނީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ތުހުމަތު ކުރައްވައިފަ އެވެ.

ހޫގޯ ޗާވޭޒް އަވަހަރަވުމާއި ގުޅިގެން، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި، އިގުތިސޯދު ފުނޑުފުނޑުވެ، ތަކެތީގެ އަގު ވަނީ 1،300،000 ޕަސަންޓު އިތުރުވެފަ އެވެ. ކާބޯތަކެއްޗާއި ބޭސް ނުލިބި، މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ވެނެޒުއޭލާ ދޫކޮށް އެހެން ގައުމުތަކަށް ވަނީ ހިޖުރަކޮށްފަ އެވެ.