ދުނިޔެ

ވެނެޒުއޭލާގެ ރައީސަކީ އިދިކޮޅު ލީޑަރުކަމަށް އެމެރިކާ އިން ބަލައިގެންފި

Jan 24, 2019

ކަރަކަސް (ޖެނުއަރީ 24) - ހަމަނުޖެހުން ބޮޑުވެފައިވާ ވެނެޒުއޭލާގެ އިންތިގާލީ ރައީސަކީ އިދިކޮޅު ލީޑަރު ހުވެން ގުވައިޑޯ ކަމަށް އަމިއްލަފުޅަށް އިއުލާނު ކުރެއްވުމުން އެކަން އެމެރިކާ އިން ބަލައިގަންނަކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން މިހެން ބުނެފައިވަނީ، މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯ އާ ދެކޮޅަށް އެތަކެއް ސަތޭކަ ބަޔަކު ނުކުމެ ކުރި މުޒާހަރާއެއްގެ ތެރެއިން، އެގައުމުގެ އިންތިގާލީ ރައީސަކީ އޭނާކަމަށް 35 އަހަރުގެ ގުވައިޑޯ އަމިއްލަފުޅަށް އިއުލާނުކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

އެމެރިކާގެ އިތުރުން، އަވަށްޓެރި ބްރެޒިލް، ޕެރޫގެ އިތުރުން ކޮލޮމްބިއާ ވެސް ވަނީ ގުވައިޑޯ އަކީ ވެނެޒުއޭލާގެ ގާނޫނީ ރައީސްކަމުގައި ބަލައިގެންފަ އެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބު އިދިކޮޅު ޕާޓީތަކުން ބޯއިކޮޓް ކޮށްފައިވަނިކޮށް، ދެވަނަ ދައުރަކަށް އިންތިހާބުވި މަޑޫރޯ ވަނީ އެ ނިންމުމާއި ގުޅިގެން، އެމެރިކާ އާއެކު އޮންނަ ހާރިޖީ ގުޅުން ކަނޑާލައިފާކަން އިއުލާނުކުރައްވައިފަ އެވެ. އަދި ވެނެޒުއޭލާގައި ހުރި އެމެރިކާ އެމްބަސީ ބަންދުކޮށް އެތަނުގައި ތިބި މުޒައްޒަފުން އަނބުރާ ގެންދިއުމަށް 72 ގަޑިއިރުގެ މުހުލަތެއް ވަނީ ދެއްވައިފަ އެވެ.

އެމެރިކާ އިން ދުރުގައި އޮވެގެން ވެނެޒުއޭލާއަށް ނުފޫޒު ފޯރުވަމުންދާކަމަށާއި، އިދިކޮޅުން ދަނީ ބަޣާވާތެއް ކުރަމުންކަމަށް މަޑޫރޯ ވަނީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ތުހުމަތު ކުރައްވައިފަ އެވެ.

ބުދަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން 13 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، ގުވައިޑޯ ވަނީ ވެނެޒުއޭލާގެ މިނިވަންކަން ކަށަވަރުވަންދެން މުޒާހަރާތައް ހުއްޓާނުލާނެކަމަށް ވިދާޅުވެފަ އެވެ. އަދި މަޑޫރޯގެ ޣައިރު ގާނޫނީ ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނުކުތުމަށްވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.

ހޫގޯ ޗާވޭޒް އަވަހަރަވުމާއި ގުޅިގެން، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި، އިގުތިސޯދު ފުނޑުފުނޑުވެ، ތަކެތީގެ އަގު ވަނީ 1،300،000 ޕަސަންޓު އިތުރުވެފަ އެވެ. ކާބޯތަކެއްޗާއި ބޭސް ނުލިބި، މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ވެނެޒުއޭލާ ދޫކޮށް އެހެން ގައުމުތަކަށް ވަނީ ހިޖުރަކޮށްފަ އެވެ.