ދުނިޔެ

ބޮޑު މުޒާހަރާއާ ދިމާކޮށް ވެނެޒުއޭލާ އަނދިރީގައި

Mar 9, 2019

ކަރާކަސް (މާޗް 9) - ހަމަނުޖެހުން ބޮޑުވެފައިވާ ވެނެޒުއޭލާގެ ބޮޑުބަޔަކަށް އިއްޔެ ފެށިގެން ކަރަންޓު ކެނޑިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މިއަދު ދެފަރާތުން މުޒާހަރާއަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، ކަރަންޓު ނުލިބުމުގެ މައްސަލާގައި ރައީސް ނިކޮލަސް މަޑޫރޯ އާއި އެމެރިކާއިން ވާގިދޭ އިދިކޮޅުން ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަން ފަށައިފަ އެވެ.

ކަރަންޓުނެތި ދިގުލައިގެންދާއިރު، ގިނަ ހޮސްޕިޓަލުތަކުން ދަނީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައި އެވެ. ރެސްޕިޓޭރު މަސައްކަތް ނުކޮށްގެން ބަލިމީހަކު މަރުވެފައިވާކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފައި އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވެރިރަށް ކަރާކަސް ހިމެނޭގޮތަށް ގިނަ ސަރަހައްދުތަކަށް ކަރަންޓު ނުލިބިވަނީ އެގައުމުގެ މައި ހައިޑްރޯލިކް ޕްލާންޓެއް ހުއްޓިގެންކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.

ކަރަންޓު މައްސަލާގައި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ބުނެ ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުވެން ގުވައިޑޯ ވަނީ ރައްޔިތުން މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފަ އެވެ. ނަމަވެސް، ޕްލާންޓަށް ގެއްލުންދީފައިވަނީ އިދިކޮޅުންކަމަށް ތުހުމަތުކޮށް އެކަމާއި ދެކޮޅަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ނުކުތުމަށް މަޑޫރޯ ވެސް ވަނީ ގޮވާލައްވައިފަ އެވެ.

އަދި އެމެރިކާ އިން ދުރުގައި އޮވެގެން ވެނެޒުއޭލާއަށް ނުފޫޒު ފޯރުވަމުންދާކަމަށާއި، އިދިކޮޅުން ދަނީ ބަޣާވާތެއް ކުރަމުންކަމަށް މަޑޫރޯ ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފަ އެވެ.

ހޫގޯ ޗާވޭޒް އަވަހަރަވުމާއި ގުޅިގެން، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މަޑޫރޯއަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި، އިގުތިސޯދު ފުނޑުފުނޑުވެ، ތަކެތީގެ އަގު ވަނީ 1،300،000 ޕަސަންޓު އިތުރުވެފަ އެވެ. ކާބޯތަކެއްޗާއި ބޭސް ނުލިބި، މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުން ވެނެޒުއޭލާ ދޫކޮށް އެހެން ގައުމުތަކަށް ވަނީ ހިޖުރަކޮށްފަ އެވެ.