ދުނިޔެ

ބްރިކްސްގެ ސަބަބުން މުއްސަނދި ސިނާއީ ދައުލަތްތަކުގެ ވަކިތަކުން މިންޖުވެވިދާނެ: އަންވަރު

ބްރިކްސް އަކީ ގްލޯބަލް ސައުތަށް ނިސްބަތްކުރެވޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާ ކުރުމަށް މުހިންމު ޖަމާއަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގްލޯބަލް ސައުތަކީ އިގްތިސާދީ އަދި ސިނާއީ ތަރައްގީގެ ނިސްބަތުން ފެންވަރު ދަށް އަދި ސިނާއީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގެ ދެކުނަށް ނިސްބަތްކުރެވޭ ޤައުމުތަކެވެ.

އދގެ ވިޔަފާރި އާއި ތަރައްގީގެ ލިސްޓްގައި ގްލޯބަލް ސައުތަކީ އެފްރިކާ އާއި ލެޓިން އެމެރިކާ، ކެރީބިއަން އޭޝިއާ އަދި އޯސޭނިއާ އެވެ. އެކަމަކު މި ލިސްޓްގައި އިޒުރޭލާއި ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ނުހިމެނެ އެވެ.

ރަޝިއާގެ އާރުޓީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި އަންވަރު ވިދާޅުވީ މުއްސަނދި ސިނާއީ ދައުލަތްތަކުގެ ބިރުދެއްކުމާއި ވަކިތަކުން ސަލާމަތްވުމަށް ވެސް ބްރިކްސްގެ މުހިންމުކަން ބޮޑު ކަމަށެވެ.

ރަޝިއާގެ ލަޑިވޮސްޓޮކްގައި ހިނގަމުންދާ އީސްޓާން އިކޮނޮމިމް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޕޫޓިން ދެއްވި ދައުވަތަށް އަންވަރު މިހާރު ހުންނެވީ ރަޝިއާގަ އެވެ.

ރަޝިއާގެ އާރުޓީ މީޑިއާއާ ވާހަކަދައްކަވަމުން އަންވަރު ވިދާޅުވި ގޮތުގައި އިގުތިސާދީ ޖަމާއަތެއްގެ ގޮތުގައި ބްރިކްސް ތަރައްގީކުރުމަކީ ދުނިޔޭގެ އިގުތިސާދީ ބާރުތައް ބަހާލުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އަދި ދުނިޔޭގެ ގައުމުތައް ޑޮލަރަށް ބަރޯސާކުރާ މިންވަރު ކުޑަކޮށް -- ގައުމުތަކުގެ މެދުގައި އަމިއްލަ ފައިސާއެއް ބޭނުންކުރުމަކީ ދުނިޔޭގެ މާލީ ނިޒާމުގައި މިހާރު އޮތް ބިރު ފިލައިގެންދާނެ ކަމެއް ކަމަށެވެ.

އަމިއްލަ ފަޢިސާ ބޭނުންކުރުމުގައި މެލޭޝިއާ ތަޖުރިބާތަކެއް ކުރެއްވި ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ. އެ ގޮތުން ޗައިނާ އާއި އިންޑޮނީޝިއާއާ އެކު އަމިއްލަ ފައިސާ ބޭނުންކުރެއްވި ކަމަށް ވިދާޅުވި އެވެ. އަދި ތައިލޭންޑާ އެކުވެސް މި ފަދަ މާލީ ގުޅުމެއް އޮންނަ ކަމަށް ވިދާޅުވި އެވެ.

އަމިއްލަ އިގުތިސާދީ ނިޒާމެއް ގާއިމުކޮށް ދެ ގައުމު މާލީ ނިޒާމަކުން ގުޅުވާލުމަށް އިންޑިއާއާ އެކު މަޝްވަރާކުރެވެމުންދާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.

މި އަހަރު ރަޝިއާގެ ކަޒާންގައި އޮންނަ ބްރިކްސް ސަމިޓަށް ދައުވަތު ލިިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އަންވަރު ވިދާޅުވީ ބްރިކްސްއާ އެކު ގްލޯބަލް ސައުތު ބާރުގަދަ ސަރަހައްދަކަށް ބަދަލުވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.