ދުނިޔެ

މެލޭޝިއާ ބްރިކްސްގައި ބައިވެރިވާނެ: އަންވަރު

މެލޭޝިއާ، ބްރިކްސް ޖަމާއަތުގައި ބައިވެރިވާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މެމްބަރުކަން ހޯދުމަށް ބޭނުންވާ ކަރުދާސްތައް ނިންމައި ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަންވަރު އިބްރާހީމް، 77، މި ހަބަރު އިއުލާންކުރެއްވީ ޗައިނާގެ ނޫހަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އޭނާ ވިދާޅުވީ ބްރިކްސްގައި ބައިވެެރިވުމަކީ މެލޭޝިއާއަށް ފައިދާ ބޮޑު ގޮތެއް ކަމަށް ލަފާލިބިވަޑައިގެންފައި އޮތް ކަމަށެވެ.

އަންވަރު ވިދާޅުވީ މެލޭޝިއާގެ ކެބިނެޓްގައި މަޝްވަރާތައް ނިންމެވުމަށް ފަހު، ބްރިކްސްއަށް ޝައުގުވެރިވާކަން ދެކުނު އެފްރިކާއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ގައުމުން އަދި ވަކި އެއްޗެއް ނުބުނާ ކަމަށްވެސް ވިދާޅުވި އެވެ.

ބްރިކްސް ޖަމާއަތް އުފައްދާފައި ވަނީ 2006 ވަނަ އަހަރު އެވެ. މި ޖަމާއަތް އުފެއްދުމަށް ނަގާކީ ގައުމުތަކަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ. މި ގައުމުތަކުގެ ނަމުގެ ފުރަތަމަ އަކުރު ހިމަނައި މި ޖަމާއަތަށް ބްރިކްސްގެ ނަމުން ނަންކީ އެވެ.

އަންވަރު ވިދާޅުވީ ބްރިކްސް ޖަމާއަތުގެ ނަމާ ބެހޭ ގޮތުން ބްރެޒިލްގެ ރައީސް ލޫލާއާ މަޝްވަރާކުރެއްވި ކަމަށެވެ. އަދި މެންބަރުންގެ އަދަދު އިތުރުވިއެއް ކަމަކު ނަމަށް ބަދަލު ނުގެންނަ ގޮތަށް ނިންމީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބްރިކްސްގެ ރަސްމީ މެމްބަރުގެ ގޮތުގައި މިސްރު، އިތިއޮޕިއާ، އިރާން، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްް ވެސް ހިމެނެ އެވެ. މި ޖަމާއަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކަމަށް ތުރުކީ ވެސް އޮތީ ބުނެފަ އެވެ.

ބްރިކްސް އަކީ މެމްބަރު ގައުމުތައް ކުރިއަރުވައި ތަރައްގީކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތެވެ. މި ކަމަށްޓަކައި މި ޖަމާއަތުން ވަނީ އިންވެސްޓްމަންޓް ބޭނުންކްތަކާވެސް މަޝްވަރާކޮށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްފަ އެވެ.

މެލޭޝިއާ ބްރިކްސްގައި ބައިވެރިވުން ވާނީ މި ޖަމާއަތަށް އިންގިލާބީ ކުރިއެރުމަކަށެވެ. ސަބަބަކީ ބައިނަލްއަގްވާމީ ބާރުގަދަ ޝިޕިން ލޭންތައް މެލޭޝިއާއާ ގުޅިފައި އޮތުމެވެ.