މެލޭޝިއާއިން އިސްރާއީލުގެ ދައުލަތް ބަލައިނުގަންނާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ތާއީދުކުރާނެކަން އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޭޕެކް ސަމިޓުގައި އަންވަރު ވިދާޅުވީ އިސްރާއީލަކީ އދގެ މެމްބަރު ގައުމެއް ނަމަވެސް އެ ގައުމު ރަސްމީކޮށް ބަލައިގަތުމަށް މެލޭޝިއާއިން ދެކޮޅު ހަދާނެ ކަމަށެވެ.
އަންވަރު އިތުރަށް ވިދާޅުވީ އޭޕެކް ސަމިޓުގައި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަމަނުޖެހުންތަކާ މެދު އަޑުއުފުލި ހަމައެކަނި ގައުމަކީވެސް މެލޭޝިއާ ކަމަށެވެ. އެއީ އަދުލު އިންސާފުގެ މައްސަލައެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް މެލޭޝިއާއިން އަބަދުވެސް އަޑުއުފުލާނެކަން އަންވަރު ބަޔާންކުރެއްވި އެވެ.
މި ވާހަކަތައް އަންވަރު ދެއްކެވީ ޕެރޫގައި ކުރިއަށްދާ އޭޕެކް ސަމިޓުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު އެވެ.
އޭގެ ކުރިން އެމެރިކާގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައިވެސް އިސްރާއީލާ މެދު މެލޭޝިއާއިން ދެކޭގޮތް އިންސާފުގެ މައްސަލައެއްގެ ގޮތުގައި ދަމަހައްޓަންޖެހޭ ކަމަށް އަންވަރު ވިދާޅުވެފައިވެ އެވެ.