ދުނިޔެ

މެލޭޝިއާ ސަރަޙައްދުން ތެޔޮ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ: އަންވަރު

ދެކުނު ޗައިނާ ކަނޑަށް ހުޅުވިފައި އޮންނަ ސަރަވަކް ސަރަހައްދުން ތެޔޮ ހޯދުމުގެ މަސައްކަތް މެލޭޝިއާއިން ކުރިއަށް ގެންދާނެ ކަމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އަންވަރު އަދި ވިދާޅުވީ އެ ސަރަހައްދުން ތެޔޮ ހޯދުމުގެ މަސައްކަތް ވަގުތުން ހުއްޓާލަން ޗައިނާއިން އެންގިއެއް ކަމަކު، މެލޭޝިއާ އޮތީ ޗައިނާގެ ގޮވާލުމަށް އިޖާބަދޭ ގޮތަށް ނޫން ކަމަށެވެ.

މެލޭޝިއާއިން ތެޔޮ ހޯދަނީ އެ ގައުމުގެ ސަރަހައްދުންކަން، ސަތޭކަ ޕަސެންޓް ކަށަވަރު ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. ހެކި ދައްކަން ޗައިނާ އެދިއްޖެ ހާލަތެއްގައި -- ޗައިނާގެ ކޮންމެ ވަފުދަކަށް ވެސް އިޚުލާސްތެރިކަމާ އެކު މަރުހަބާ ދަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ އަކީ މެލޭޝިއާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ޗައިނާގެ ކަންބޮޑުވުންތަކަށް މެލޭޝިއާ ފަރުވާތެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެހެނެއް ކަމަކު އަންވަރު ވިދާޅުވީ މެލޭޝިއާއަށް ހުރި ފުރުސަތުތަކެއް ހޯދުމަށް ބަންޑުން ޖަހަން ޖެހޭ ހުރިހާ ގަލެއް ބަންޑުން ޖައްސަވާނެ ކަމަށެވެ.

ކަނޑު ތޮރުފަން ޖެހުނަސް، އަދި ވަޅު ކޮންނަމުން ގޮސް އާނާ ޖެހުމުން އާނުކެނޑުމަކީ ވެސް ކުރަން ޖެހިދާނެ ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

މެލޭޝިއާއިން ތެޔޮ ހޯދަނީ ޗައިނާގެ ސަރަހައްދަކުން ކަމަށް ހީކޮށް އެ ގައުމުން ޝަކުވާގެ ސިޓީއެއް ފޮނުވި ކަމަށް އަންވަރު ވިދާޅުވި އެވެ.

މެލޭޝިއާއިން ޗައިނާގެ ސަރަހައްދެއް ނުތޮރުފާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންވަރު ވިދާޅުވި ގޮތުގައި ގައުމުގެ އިގުތިސާދަށްޓަކައި ދަތި އަދި ބުރަ މަސައްކަތައް ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. ގައުމުތަކުގެ ރުޅިވެރިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް -- މަގާމާ ހަވާލުވެވަޑާއިގެންނެވުގެ ކުރިންވެސް އެނގިވަޑައިގަންނަވާ ކަަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ޗައިނާ އާއި މެލޭޝިއާއާ ދެމެދު މީގެކުރިން އުފެދުނު ޚިލާފުތައް ވެސް، ދެ ގައުމުން ކުރި މަޝްވަރާތަކުން ވާނީ ސާފުކޮށްފައި ކަމަށް އަންވަރު ވިދާޅުވި އެވެ. ޗައިނާ އަކީ ވަރަށް އެކުވެރިއަކަށް ވާތީ މަޝްވަރާކުރަން އެއްވެސް ދަތިކަމެއް އަދި ދުރުކަމެއް އިހުސާސްނުކުރެވޭ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

މެލޭޝިއާއިން ތެލާއި ގޭސް ހޯދުމަށް ކަނޑު ކޮންނަނީ އެ ގައުމުގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަށް ނިސްބަތްވާ ސަރަހައްދުން ކަމަށްވެސް އަންވަރު ވިދާޅުވި އެވެ.