ރަޝިއާގެ ސިޓީއެއް ކަމަށްވާ ކަޒާންގައި އަންނަ އޮކްޓޯބަރުގައި އޮންނަ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ޚާއްސަ ދައުވަތެއް މޮންގޯލިއާގެ ރައީސް އުޚާގީ ޚުލެލްސުޚްއަށް ދެއްވައިފި އެވެ.
ޕޫޓިން މިހާރު އުޅުއްވަނީ މޮންގޯލިއާގެ ރައީސްގެ ޚާއްސަ ދައުވަތަކަށް މޮންގޯލިއާގަ އެވެ. މި ދަތުރުގައި ދެ ރައީސުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ބްރިކްސް ޖަމާއަތާ ބެހޭ މައުލޫތައް ހިމެނެ އެވެ.
ރައިސް އުޚާގީ ޚުލެލްސޫޚްއާ މުޚާތަބުކުރައްވައި ޕޫޓިން ވަނީ ރަޝިއާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ. އެއީ އޮކްޓޯބަރުގައި އޮންނަ ބްރިކްސް ސަމިޓްގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތު މަށެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި މި އަހަރު ބްރިކްސް ސަމިޓް އޮންނާނީ ރަޝިއާގަ އެވެ. އަދި ރަޝީއާގެ ނަސްލުތައް ރީތިކޮށް ސިފަކުރެވޭ ކަޒާންގައި ބްރިކްސް ސަމިޓް ބޭއްވުމަކީ ސަރުކާރަށް ލިބޭ ޝަރަފެއް ކަމަށްވެސް ވިދާޅުވި އެވެ.
މިއަހަރުގެ ބްރިކްސް ސަމިޓް އޮންނާނީ ކަޒާންގައި އޮކްޓޯބަރު 22-24 އަށެވެ. ބްރިކްސް ޖަމާއަތުގެ މިއަހަރުގެ ރިޔާސަތު ބަލަހައްޓަވަނީ ރަޝިއާގެ ރައީސް ޕޫޓިންނެވެ. ރަޝިއާގައި ބާއްވާ އަހަރީ ސަމިޓްގައި، އެ ގައުމުގެ 16 ސަރަހައްދެއްގައި 16 ސަމިޓެއް ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކަޒާންގެ 53 ޕަސެންޓަކީ އިސްލާމުންނެވެ.
މޮންގޯލިއާގެ ވެރިރަށް އުލާންބާތަރުގައި ދެ ލީޑަރުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި، ބްރިކްސް ޖަމާއަތުގައި ބައިވެރިވުމަށް މޮންގޯލިއާއަށް ދައުވަތުދެއްވި އެވެ. އަދި ބްރިކްސްގައި މޮންގޯލިއާ ބައިވެރިވުމަކީ ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.
މޮންގޯލިއާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ) މެމްބަރެކެވެ. މިހެންކަމުން އެ ކޯޓުން ނެރޭ އަމުރަށް ތަބާވުމަކީ މެންބަރު ގައުމުތަށް ލާޒިމުކަމެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކަށް ޕޫޓިން ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނިންމައި އައިސީސީން ވަނީ ޕޫޓިން ހައްޔަރުކުރުމަށް އަމުރެއް ނެރެފަ އެވެ.
އެހެނެއްކަމަކު، މޮންގޯލިއާއިން އައިސީސީގެ މި އަމުރު ތަންފީޒެއް ނުކުރާނެ އެވެ.