އއ. ތޮއްޑޫގައި މިދިޔަ ހަފުތާގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މަރަކީ ބަޔަކު ގަސްތުކޮށްފައިވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޒަހަމްތަކަކާ އެކު މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ތޮއްޑޫގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ކާޒީ ބިލާލް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެ މައްސަލައިގައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބިލާލް މަރުވެފައިވަނީ އަނިޔާއެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ބެލެވޭ ފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލައާ ގުޅުން ހުރެދާނެ ކަމަށް ބެލެވޭ ދިވެހިންނާއި ތޮއްޑޫގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ބައެއް ތަންތަނާއި ތަކެތި ބަލައި ފާސް ކުރުމުގެ އިތުރުން ބިލާލް މަރުވެފައި އޮތް ތަނުން ފެނުނު މާއްދީ ހެކިތައް ވެސް ފޮރެންސިކް ޑިޕާޓްމެންޓުން ތަހުލީލުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްސްތައް ނެގިފައިވާތީ ބިލާލްގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށް ރޭ ވަނީ ބަންގްލަދޭޝަށް ފޮނުވާލައިފަ އެވެ.
ޒަހަމްތަކަކާ އެކު ތޮއްޑޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުނުއިރު މާލޭގެ ހާބަރު ކަޑައެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތަކަށް ވެސް ހަމަލާދީ މިމަހުގެ ތެރޭގައި ވަނީ މަރާލައިފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.