ބޮލީވުޑް

ސަންޖޭ ދަތު ހައްޔަރުކުރަން އަމުރެއް ނެރެފި

Apr 16, 2017

ބޮލީވުޑްގެ ތަރިންގެ ތެރެއިން އެކްޓަރު ސަންޖޭ ދަތަކީ އަބަދުވެސް އޭނާގެ ކޮންމެވެސް މައްސަލައެއް ކޯޓުގައި ހިނގާ ތަރިއެކެވެ. ކޮންމެވެސް ޤާނޫނީ މައްސަލަތަކެއް އަބަދުވެސް ބޯމަތީގައި އެނބުރޭއިރު، 1993 ގައި މުމްބައިގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާތަކުގައި އަމިއްލަ ނަފްސު ހިމާޔަތްކުރުމަށް ހުއްދަ ނޫން ހަތިޔާރެއް އަތުގައި ބޭއްވުމުގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާފައިވާއިރު، އޭނާ މިނިވަންވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ސަންޖޭ ޖަލުން މިނިވަން ވިތާ އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް އޭނާގެ މައްޗަށް ކޯޓު އަމުރެއް ވަނީ ނެރެފަ އެވެ. ސަންޖޭ ހައްޔަރުކުރަން މުމްބައިގެ މެޖިސްޓްރޭޓް ކޯޓަކުން އިއްޔެ އަމުރު ނެރެފައިވަނީ ޕްރޮޑިއުސަރު ޝަކިލް ނޫރާނީ އަށް އިންޒާރު ދިން ކަމަށް ބުނެ އޭނާ ހުށަހަޅާފައިވާ ދައުވާގެ އަޑުއެހުމަށް ހާޒިރުނުވުމުންނެވެ.

މި މައްސަލަ އަކީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަަލަ އަކަށް ވީއިރު، އަލުން މި މައްސަލަގަނޑު ހިލިގެން މިއުޅެނީ ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތުުގެ ލޯޔަރުންގެ ދެމެދުގައި އެހާ ރަނގަޅަށް މަޝްވަރާ ނުކުރެވޭތީ ކަމަށް ސަންޖޭގެ ސްޕޯކްސްޕާސަން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ސަންޖޭގެ މައްޗަށް ކޯޓު އަމުރެއް ނެރުނު މައްސަލައާ ގުޅިގެން އޭނާގެ ވަކީލު އަދި އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.

ނޫރާނީ ސަންޖޭއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ 2013 ވަނަ އަހަރު ސަންޖޭގެ ކުޅެމުން އައި އޭނާގެ ފިލްމެއް ނުނިމެނީސް އޭގެ ބާކީ ފައިސާ ދޭން ބުނެ ސަންޖޭގެ ފަރާތުން ކަމަށް ބުނެ އަންޑާ ވޯލްޑްގެ ގޭންގްސްޓާރުން ތަކެއް ދިން އިންޒާރަކާ ގުޅިގެންނެވެ.

މި މައްސަލައިގެ މީގެކުރިން ބޭއްވި އަޑުއެހުންތަކަށް ސަންޖޭ ހާޒިރުވެފައި ނުވާއިރު ނޫރާނީގެ ވަކީލުން ކަމަށްވާ ނީރަޖް ގުޕްތާ އާއި ނިޝާ އަރޯރާ ވަނީ އަންދޭރީ ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަން އެތަކެއް އަޑުއެހުމެއް ބޭއްވިފައި ވީ ނަމަވެސް އެއްވެސް އަޑުއެހުމަށް ސަންޖޭ ހާޒިރުނުވާ ކަމަށެވެ. އަދި ދެހާސް ތޭރަވަނަ އަހަރު އެންމެފުރަތަމަ މި މައްސަލައިގައި ދައުވާ ކުރުމުން ވެސް އެއްވެސް އަޑުއެހުމަކަށް ސަންޖޭ ހާޒިރުވެފައިނުވާއިރު، އެފަހަރުވެސް އޭނާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމާއެކު ބޮމް ގޮއްވާލި މައްސަލައިގެ ޝަރީއަތްތައް އަލުން ފެށި އެ މައްސަލައިގެ ކުށް ސާބިތުވެ ވަނީ ޖަލަށްލާފަ އެވެ. އެހެންކަމުން އެ ފަހަރު މި މައްސަލަ ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.

ގުޕްތާ ވަނީ ދައުވާ ލިބޭ ފަރާތުން އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައިނުވާތީ އެ މައްސަލަ އެއްވެސް ވަރަކަށް ކުރިއަށް ނުދާ ކަމަށާއި، އެފަރާތުން ހެކިތައް ރެކޯޑް ކުރަން ވެސް ހާޒިރުނުވާ ކަމަށެވެ. އަދި ސަންޖޭ ކޯޓަށް ހާޒިރުނުވާތީ ނޫރާނީގެ ސްޓޭޓަމަންޓް ވެސް ރެކޯޑް މިހާތަނަށް ވެސް ކުރެވިފައިނުވާ ކަމަށެވެ.

"ސަންޖޭ ކޯޓަށް ހާޒިރުނުވާތީ މައްސަލަ ކުރިއަށް ނުގޮސް އޮތީ. އެހެންވެ އަނެއްކާ ވެސް ހައްޔަރުކުރަން އަމުރެއް ނެރުމަށް އެދުނީ" ގުޕްތާ ބުނެފައިވެ އެވެ.

އެގޮތުން ހޮނިހިރު ދުވަހު ވެސް ބޭއްވި ޝަރީއަތަށް ހާޒިރުވެފައިނުވާތީ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ ކަމަށް ވެސް ގުޕްތާ ވަނީ ބުނެފަ އެވެ.

ކޯޓަށް ސަންޖޭއާ ދެކޮޅަށް ނޫރާނީ ހުށަހަޅާފައިވާ ދައުވާގައި ބުނާގޮތުން އޭނާ އުފައްދަމުން އައި ފިލްމު "ޖާންކީ ބާޒީ" ކުޅެން ސަންޖޭ އެއްބަސްވުމުން ވަނީ ސާޅީސް ލައްކަ ރުޕީޒް ދީފަ އެވެ. އަދި ފިލްމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނުދިއުމުން އެ ފައިސާ އަނބުރާ ދޭން ބުނުމުން އިންޒާރުގެ މެސެޖުތަކާއި ކޯލްތައް ލިބިފައިވާ ކަމަށެވެ. އަދި ސަންޖޭއާ ދެކޮޅަށް އޭނާ ހުށަހަޅާފައިވާ މައްސަލަވެސް އަނބުރާ ގެންދިއުމުގެ އިންޒާރު ވެސް ސަންޖޭގެ ފަރާތުން ކަމަށް ބުނެ ގޭންގްސްޓާރުން އިންޒާރުދީފައިވާ ކަމަށް ބުނެފަ އެވެ.