ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

Apr 16, 2017
1

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބީ މަރުކަޒު، ބާ ޖަމާލުއްދީންގައި، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަން ޖެހެ އެވެ.

ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރާ ފަރާތެއް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންނަންވާނެ އެވެ. އެއާއެކު ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ގެންދަން ޖެހެ އެވެ.