ހަބަރު

ސީރިޔާގައި ދިވެހި ތުއްތުކުދިންތަކެއް ތާށިވެފައި!

  • މީގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ
  • ގިނަ މީހުން ތާށިވެފައި ވަނީ އިދްލީ ޕްރޮވިންސްގައި
  • ބައެއް އަންހެނުން ގެންދިޔައީ މަޖުބޫރުން

ސީރިޔާ އާއި އިރާގުގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް ދާ ދިވެހި އާއިލާތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އެ ކުދިންގެ މައިންބަފައިން މަރުވުމާ ގުޅިގެން އެ ގައުމުތަކުގައި ތާށިވެ ރާއްޖެ އަނބުރާ އަންނާނެ ގޮތެއް ނެތި ހާލުގައި ތިބި ކަމަށް ސަރުކާރުން ބުނެފި އެވެ.

މިދިޔަ އަހަރު ޖުލައި މަހުން ފެށިގެން މިމަހު 15 އާ ހަމަޔަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން ހެދި، ރާއްޖޭގައި ހައްދުފަހަނަ އަޅާ ދިޔުން ހުރި މިންވަރު ބަލާ ބޭސްލައިން ސާވޭ އިން ހާމަވެފައިވާ ގޮތުގައި 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ސީރިއާއަށް ދަތުރުކޮށްފައިވާ ދިވެހިންގެ ތެރޭގައި އަމިއްލަ އިހުތިޔާރުގައި ދާ އަންހެނުންނާއި، ފިރިމީހާ މަޖުބޫރުކޮށްގެން ދާ އަންހެނުން ހިމެނެ އެވެ. އަދި އެކަމުގެ ޝިކާރައަކަށް ވަނީ އެ އާއިލާތަކުގައި އުޅޭ ކުޑަކުދިން ކަމަށާއި އެގޮތުން އެ ގައުމުތަކުގައި ހިނގާ ހަނގުރާމާގައި އެ ކުދިންގެ މައިންބަފައިން މަރުވުމާ ގުޅިގެން އަނބުރާ ރާއްޖެ އަންނާނެ ގޮތެއް ނެތި ބައެއް ތުއްތުކުދިން ޔަތީމުވެފައި ތިބި ކަމަށް އެ ސާވޭގެ ރިޕޯޓްގައިވެ އެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކަންބޮޑުވަނީ އެއް މައްސަލައަކީ އަންހެނުން މިފަދަ ހަނގުރާމަތަކަށް ދިޔުމަށް ބަޔަކު ބާރު އަޅަމުން ދާތީ އެވެ.

"ސީރިއާއާ އިރާގުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް ގޮސްފައިވާ ދިވެހިން ގެންގޮސްފައިވާ ކުޑަ ކުދިންނަށް ތައުލީމާއި ސިއްހީ ފަރުވާއިން މަހުރޫމް ވަމުންދާ ކަން ފާހަގަ ކުރެވޭ. އަދި ރާއްޖެއިން ބޭރުގައި ހިނގާ ހަމަނުޖެހުންތަކުގައި ބައިވެރިވާން އަންހެނުން ފޮނުވުމާއި އެހެނިހެން އަންހެނުންނަށް އެކަމުގައި ބައިވެރިވާން ހިތްވަރު ދިނުމުގެ ހަރަކާތްތައް ވެސް ރާއްޖޭގައި ކުރިޔަށް ގެންދޭ،" ސާވޭ ރިޕޯޓްގައިވެ އެވެ.

ރިޕޯޓް ނެރުމަށް މިދިޔަ ހަފްތާ ބޭއްވި ހަފްލާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހައްދު ފަހަނައަޅާދިޔުމުގެ ސަބަބުން އަންހެނުންނާއި ތުއްތު ކުދިންނަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެ ކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވުމުގެ ގޮތުން ދިވެހި ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައި ވަނީ މިހާތަނަށް ސީރިޔާއަށް ގޮސްފައި ވަނީ 49 ދިވެހިން ކަމަށެވެ. ނަމަވެސް އެ އަދަދުގެ ތެރޭގައި އަންހެނުންނާ ކުޑަކުދިން ނުހިމެނޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކި މަސްދަރުތަކުން އެނގޭ ގޮތުގައި ސީރިޔާއަށް ދާ ގިނަ ދިވެހިން ގުޅެނީ އަލްގައިދާގެ މެދުއިރުމަތީގެ ގޮފި ނުސްރާ ފްރޮންޓާ އެވެ. އަދި އެ މީހުން ތިބެނީ އެ ގައުމުގެ އިދްލީ ޕްރޮވިންސްގަ އެވެ. ނަމަވެސް ރަޝިޔާ ސިފައިންނާއި ސީރިޔާގެ ސިފައިން ވަނީ އެތަނުން ނުސްރާފްރަންޓުގެ ބާރު ކަނޑުވާލައިފަ އެވެ. އެ ހަމަލާތަކުގައި އެ ސަރަހައްދަށް ގިނަ ހަމަލާތަކެއް ދީ މުޅި ތަން ވަނީ ސުންނާފަތިކޮށްލާފަ އެވެ.