ހަބަރު

މަޖީދީމަގުގެ އެންމެ ބާރުބޮޑުވާ ސަރަހައްދު ހަދަން ފަށައިފި

މާލޭގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމަށް ފަށައިފައިވާ މަޝްރޫގެ ތެރެއިން މަޖީދީމަގުގެ ފަސްވަނަ ސެގްމެންޓްގެ މަސައްކަތް ނިމި، ހަވަނަ ސެގްމެންޓްގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނި ގޮތުގައި، މިއަދު ހަދަން ފަށައިފައިވަނީ އަލިކިލެގެފާނު މަގުން ފެށިގެން ގޮސް ހަދީބީ މަގާ ހަމަޔަށެވެ. މިއީ މަޖީދީ މަގުގެ އެންމެ ބާރު ބޮޑުވާ އެއް ސަރަހައްދެވެ. އަދި މިއަދު ހަދަން ފެށި ހިސާބު ކުރިއަށް އޮތް 21 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. މަގު ހެދުމުގެ މަސައްކަތާ އެކު އެ ހިސާބުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް އަންނާނެ އެވެ.

މާލޭގެ މަގުތައް އިތުރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ މަޝްރޫގެ ދަށުން މަޖީދީ މަގުގެ އިތުރުން މާލޭގެ އެހެން ބޮޑެތި މަގުތައް ވެސް ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މި މަޝްރޫއު ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ހައުމިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މަގުތައް އަލުން ހެދުމަށް ކޮށްފައިވާ ޕްލޭންގެ ދަށުން، މަގުތަކުގައި ޒަމާނީ ފެން ހިންދާ ނިޒާމް ގާއިމް ކޮށް، ކޭބަލް އެޅުމަށް މުޅި މަގުތައް ކޮންނަން ނުޖެހޭ ގޮތަށް ޒަމާނީ ކޭބަލް ޖަންގްޝަންތައް ގާއިމް ކުރެ އެވެ. މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މަގުތައް ބޭނުންކުރެވޭނެ ގޮތަށް ދުވާރު އަލުން ރީޑިޒައިން ކޮށް، މަގުތައް އަލުން ލެވެލްކޮށް މިހާރު އަތުރާފައި ހުރި ގާތައް އެކީ ބަދަލު ކުރެ އެވެ.