ހަބަރު

ގިނަ އަދަދެއްގެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފި

ގިނަ އަދަދެއްގެ ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އިން މިއަދު އިއުލާން ކޮށްފި އެވެ.

10 މެޖިސްޓްރޭޓުންނާއި، 32 އިސް މެޖިސްޓްރޭޓުންނާ އެކު ޖުމްލަ 42 މެޖިސްޓްރޭޓުން ހޯދުމަށް ޖޭއެސްސި އިން ވަނީ މިއަދު އިއުލާންކޮށްފަ އެވެ.

މި މަގާމްތަކަށް ކުރިމަތި ލާ ފަރާތްތަކުގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޖޭއެސްސީ އިން ޝަރުތު ކޮށްފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮގުން ދަށްވެގެން ޑިޕްލޮމާ އެއް ހާސިލް ކޮށްފައި ވުމާއެކު، ފަނޑިޔާރުކަމުގެ މަގާމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ވުމެވެ.

ޖޭއެސްސީގެ އިއުލާނުގައި ވާ ގޮތުން، މެޖިސްޓްރޭޓެއްގެ މުސާރައަކީ، 23450 ރުފިޔާ އެވެ. އަދި އިސް މެޖިސްޓްރޭޓެއްގެ މުސާރައަކީ، 25600 ރުފިޔާ އެވެ.

މި މަގާމުތަކަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ވަނަވަރު އަންނަ މެއި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ޖޭއެސްސީ އަށް ހުށަހެޅުމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެފައި ވެއެވެ.