ހަބަރު

"މާޔޫސްވުމަށް އޮތް އެއް ފަރުވާއަކީ އަގީދާ ރަނގަޅު ކުރުން"

މާޔޫސްވުން ނުވަތަ ޑިޕްރެޝަންއަށް މީހުން ހުށަހެޅިގެންދާ މައިގަނޑު އެއް ސަބަބަކީ އަގީދާ ބަލިކަށިވުން ކަމަށް ޑިފެންސް މިނިސްޓާ، އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓާ އާދަމް ޝަރީފް ވިދާޅުވީ، ދިވެހިންނަކީ ފުރިހަމަ މުސްލިމުން ކަމުގައި ވާތީ، އަބަދުވެސް އިސްލާމްދީނުގެ އަގީދާގެ މަތީގައި ފުރިހަމައަށް ތިބުމަކީ މުހިންމު ކަމެއް ކަމަށާއި މާޔޫސްވުމުގެ ބައްޔަށް ފަރުވާކުރުމުގައި އެންމެ އިސްކަންދޭން ޖެހޭނެ އެއް ކަމަކީ، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން އުޅުމާއި ގުޅުން ބަހައްޓައި ނަމާދަށް ފަރުވާ ބެހެއްޓުން ކަމަށެވެ.

"ކޮންމެ މީހަކަށް ވެސް މާޔޫސްކަމެއް ލިބޭ ކޮންމެ ވަގުތަކު ވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރާ ކަމުގައި ވާނަމަ، އޭނާ ހުންނާނީ ހިތްހަމަޖެހިފައި. އަދި އެމީހަކަށް އިހުސާސް ކުރެވޭނެ އެމީހަކަށް ލިބޭ މާޔޫސްކަން ފިލައިގެން ދާކަން،" މިނިސްޓާ ވިދާޅުވި އެވެ.

ޑިޕްރެޝަން ނުވަތަ މާޔޫސްވުމުގެ ބައްޔަކީ، އެބަލީގައި އެތައް ބަޔަކު ވޭން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔޭގައި 200 މިލިއަން މީހުން މި ބަލި ތަހައްމަލު ކުރަމުން ދެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، 2016 އިން 2025 އާއި ހަމަޔަށް އަމަލު ކުރުމަށް އެކުލަވާލައިފައިވާ ހެލްތުގެ މާސްޓާ ޕްލޭން އާއި، މެންޓަލް ހެލްތު މާސްޓާ ޕްލޭން ރަސްމީކޮށް އިފްތިތާހު ކުރި އެވެ. ހެލްތު މާސްޓާ ޕްލޭން އިފްތިތާހު ކޮށްދެއްވީ، ހެލްތު މިނިސްޓާ އަބްދުﷲ ނާޒިމެވެ. މެންޓަލް ހެލްތު މާސްޓާ ޕްލޭން އިފްތިތާހު ކޮށްދެއްވީ، ޑިފެންސް މިނިސްޓަރެވެ.

މިރަސްމިއްޔާތުގައި ސިއްހީ ހޭލުންތެރިން އިތުރު ކުރުވުމަށް އެންމެ ރަނގަޅު މަސައްކަތް ކުރާ މުއައްސަސާ އަށް ދޭ އެވޯޑް ބ. އަތޮޅު ސިއްހީ މަރުކަޒަށް ވަނީ ދީފަ އެވެ.