ހަބަރު

މާސްޓާ ޕްލޭނާއެކު ދެމެހެއްޓެނިވި ސިއްހީ ހިދުމަތް އަންނާނެ: މިނިސްޓަރު

ހެލްތުގެ އާމާސްޓާ ޕްލޭނާއެކު ދެމެހެއްޓެނިވި ސިއްހީ ހިދުމަތް ގާއިމް ކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅެވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، 2016 އިން 2025 އަށް އަމަލު ކުރާނެ ހެލްތްގެ ދެ މާސްޓާ ޕްލޭން އެއް ވަނީ އިފްތިތާހު ކޮށްފަ އެވެ. ހެލްތު މާސްޓާ ޕްލޭން ހެލްތު މިނިސްޓާ އިފްތިތާހު ކޮށްދެއްވި އިރު، މެންޓަލް ހެލްތު މާސްޓާ ޕްލޭން އިފްތިތާހު ކޮށްދެއްވީ، ޑިފެންސް މިނިސްޓާ އާދަމް ޝަރީފެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ހެލްތު މާސްޓާ ޕްލޭނަށް މިއަދު އަމަލު ކުރަން ފަށާނެ ކަމަށާއި، މާސްޓާ ޕްލޭނަކީ، އެކަމުގެ ފަންނީ ބޭފުޅުންގެ ލަފައާއެކު ދިވެހި މުޖްތަމައަށް މިއަދު ހުރި ގޮންޖެހުންތަކަށް ރިއާޔަތް ކޮށް ހަދާފައިވާ ޕްލޭނެއް ކަމަށެވެ. އަދި މި މާސްޓާ ޕްލޭންގެ އެހީގައި ސިއްހީ ދާއިރާ މިހާރަށްވުރެ ކުރިއަރުވައި ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"މި މާސްޓާ ޕްލޭން އެކުލަވާލުމުގައި އެކަމުގެ ފަންނީ ބޭފުޅުންގެ އެހީ އާއި، ޑަބްލިޔުއެޗްއޯގެ ފުރިހަމަ ލަފައާއި އިރުޝާދު އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އަދި މި ސިޔާސަތު އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް މިއަދު ހުރި ގޮންޖެހުންތައް ނައްތާލުމަށް އިތުރު އެހީ ތެރިކަމެއް ލިބިގެން ދާނެ." މިނިސްޓާ ވިދާޅުވި އެވެ.

ހެލްތު މާސްޓާ ޕްލޭން އާއި ބެހޭ ގޮތުން ޑރ. އާރިފް މުހައްމަދު މިއަދު ވިދާޅުވީ، މި މާސްޓާ ޕްލޭނަކީ، މައިގަނޑު ހަތަރު މަގްސަދެއްގައި އެކުލަވާލި މާސްޓާ ޕްލޭނެއް ކަމަށާއި އޭގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ބަލިތަކުން ރައްކާތެރި ވުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބާތޯ ބެލައި ނަފްސާނީ ބައްޔަށް ފަރުވާ ކުރެވޭނެ ގޮތްތައް ހޯދައި، ނަފްސާނީ ބަލީގެ މީހުން ބާކި ނުކޮށް މުޖްތަމައުގައި އަޅާލާ ބަޔަކަށް އެމީހުން ވެސް ހެދުން ހިމެނޭ ކަމަށެވެ.