ހަބަރު

މިއީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރު، 34 ޑިގްރީއަށް އަރާނެ: މެޓް

މި ދުވަސްކޮޅަކީ މި އަހަރު ތެރޭގައި ރާއްޖެއަށް އަންނަ އެންމެ ހޫނުވާނެ ދުވަސްކޮޅު ކަމަށާއި ފިނި ހޫނު މިން 34 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ޑިރެކްޓާ އޮފް މީޓިއޮރޮލޮޖީ އަހުމަދު ރަޝީދު ވިދާޅުވީ މި ދުވަސްވަރު ރާއްޖޭގެ އުތުރަށާއި މެދު ރާއްޖެ ތެރޭގައި އެންމެ މައްޗައް ފިނި ހޫނު މިން ގޮސްފައި ވަނީ 33 ޑިގްރީ ސެލްސިއަސްއަށް ކަމަށާއި ދެކުނުގެ ރަށްތަކުގައި 32 ޑިގްރީ ސެލްސިއަސްއަށް ފިނި ހޫނު މިން ހުރި ކަމަށެވެ. އަދި މޭ މަހުގެ މެދަކާ ހަމަޔަށް އެ ހޫނު މިނުގައި ހިފަހައްޓާނެ ކަމަށާއި އެ ދުވަސްކޮޅު ތެރޭގައި 34 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖެއަށް އެންމެ ހޫނު ދުވަސްކޮޅު. މިދިވަސްކޮޅު ފިނި ހޫނު މިން އެންމެ ދަށަށް ވެސް ދާއިރު ހުންނަނީ 28 ޑީގްރީ ސެލްސިއަސްގައި. ދެން ހުޅަނގު މޫސުން ޖެހެންދެއް އޮންނާނެ މި ހޫނުގައި އެއީ މޭމަހު މެދެއްހާތާނގަ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މިދިޔަ އަހަރުގެ މިދުވަސްވަރު ރާއްޖޭގެ ފިނި ހޫނު މިން ހުރީ 35 ޑިގްރީސެލްސިއަސްގައި ކަމަށާއި އެހާ ވަރަކަށް ހޫނުވާނެ ކަމަކަށް ލަފައެއް ނުކުރެވޭ ކަމަށެވެ. އަދި އޭރު ރާއްޖެއަށް ކުރި އެލްނީނޯގެ އަސަރުވެސް މިއަހަރު ނުކުރާ ކަމަށް އަހުމަދު ވިދާޅުވި އެވެ.