ހަބަރު

އިސްލާމީ މަރުކަޒު ފާރުގައި ހުތުރު އެއްޗެހި ލިޔުނު މައްސަލަ ބަލަނީ

އިސްލާމީ މަރުކަޒު ފާރުގައި ހުތުރު އެއްޗެހި ލިޔެފައި ހުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފާރެއްގައި ހުތުރު އެއްޗެހި ލިޔެފައި ހުރި މައްސަައެއް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓާ މުހައްމަދު އަހުސަން "އަވަސް"އަށް ވިދާޅުވީ ބަޔަކު ކިތަންމެ ބޮޑަށް ހިތްހަމަ ނުޖެހި ހިޔާލު ތަފާތުވުން ބޮޑުވީ ނަމަވެސް ދީނަށާއި ދީނުގައި ހުރުމަތްތެރި ތަންތަނަށް ދިވެހިން އިހްތިރާމްކޮށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.

"މިސްކިތްތަކަކީ އިސްލާމް ދީނުގައި ހުރުމަތްތެރިކުރައްވާފައިވާ ތަންތަން. އެއީ ބިންމަތީގައިވާ ﷲ ގެ ގެކޮޅުކަން އެންމެންވެސް ދަންނަން ޖެހޭނެ،" އަހުސަން ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ފާރުގައި އިނގިރޭސި ބަހުން ހުތުރު ބަސް ލިޔެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެ ފާރުގައި ލިޔެފައި ހުރި އެއްޗެހި ފޮހެފަ އެވެ.