ދުނިޔެ

އުތުރު ކޮރެއާއަށް ފަހު އެމެރިކާގެ ފިއްތުންތައް މުޅީން އީރާނަށް

Apr 20, 2017
1

ނިއުކްލިއަ ހަތިޔާރު އުފައްދަން އުޅޭތީ އުތުރު ކޮރެއާއަށް އިންޒާރުތައް ދިނުމަށް ފަހު އެމެރިކާއިން ހަމަ އެ މައްސަލައިގައި އީރާނަށް ވެސް އިންޒާރުތައް ދޭން ފަށައިފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އިއްޔެ ވިދާޅުވީ އީރާނުން މަސައްކަތް ކުރަނީ ސަރަހައްދުގެ ހަމަޖެހުން ނަގައިލަން ކަމަށެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓިލާސަން ވިދާޅުވީ ނިއުކްލިއަ މައްސަލައިގައި އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާ ކުރާ އިރު ބަލާނީ އެ އެއްބަސްވުމަށް އީރާނުން އަމަލު ކުރަމުންދާ މިންވަރު އެކަނި ނޫން ކަމަށެވެ. ނިއުކްލިއަ އެއްބަސްވުން މުރާޖައާ ކުރާނެ ކަން އެމެރިކާއިން އިއުލާން ކުރީ އަންގާރަ ދުވަހުއެވެ.

"އީރާނާ މެދު އިޖުމާއީ ސިޔާސަތެއް އެކުލަވައިލުމުގައި އަހަރެމެން ބަލަން ޖެހޭ އީރާނުން ކުރިމަތިކޮށްފައިވާ ހުރިހާ ނުރައްކަލަކަށް. އަދި ސާފުކޮށް އިނގޭ އެފަދަ ގިނަ ކަންތައްތަކެއް ހުރިކަން،" ޓިލާސަން ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ ސަރަހައްދުގައި އީރާނުން އަމަލު ކުރަމުން އަންނަ ގޮތުން ސޫރިޔާ އާއި އިރާގާއި ޔަމަނުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ގެއްލުން ވެއެވެ. ޓިލާސަންއަށްވުރެ ކުރިން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މަޓިސް ވެސް ވަނީ އީރާނާބެހޭ ގޮތުން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ. ސައުދީ އަރަބިއްޔާއަށް ކުރެއްވި ޒިޔާރަތެއްގައި އޭނާ ވިދާޅުވީ ޔަމަނު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުގެ ނުފޫޒުގެ މައްޗަށް ގަދަވެގަންނަން ޖެހޭ ކަމަށެވެ.

ޓިލާސަން ވިދާޅުވެފައި ވަނީ އީރާނާއެކު ވެފައިވާ ނިއުކްލިއަ އެއްބަސްވުން މުރާޖައާ ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެ އެއްބަސްވުމާ ގުޅިގެން ދޫކޮށްލާފައި ބޭއްވުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިއްމު ކަމެއްތޯ ބަލަން ކަމަށެވެ.

އެމެރިކާގެ އިސްވެ އޮވެ، ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 އަހަރު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ޔުރޭނިއަމް މުއްސަނދި ކުރުމާއި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރައްކާކޮށްފައި ބެހެއްޓުން ވަކި މުއްދަތަކަށް މަދުކުރަން ޖެހެއެވެ. ޓްރަމްޕް ސަރުކާރުން ބުނަނީ އީރާން ނިއުކްލިއަ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އެވަރަކުން ނުފުދޭނެ އެވެ. އެކަމުން ވާނެ ހަމަ އެކަނި ކަމަކީ އިރާނުން އެފަދަ ހަތިޔާރެއް އުފެއްދުން ލަސްވުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިއުކްލިއަ ހަތިޔާރު އުފައްދަން އުޅޭ ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅިޔަސް އެމެރިކާއަކީ ނިއުކްލިއަ ހަތިޔާރު އެންމެ ގިނައިން ހުރި ގައުމެވެ. އަދި އެގައުމަކީ ބަޔަކާ ދެެކޮޅަށް އެހަތިޔާރު ބޭނުންކުރި ހަމަ އެކަނި ގައުމެވެ.