ހަބަރު

ޑިޒާސްޓާ ސެންޓަރުގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަނީ

Mar 31, 2015
3

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކުރުމަށް އެ މައްސަލަ ކޯޓަށް ފޮނުވަން ޕީޖީގެ އޮފީހުން ނިންމައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ކުރުމަށް ނިންމައި އެކަމާ ގުޅުން ހުރި މަސައްކަތްތައް ޕީޖީގެ އޮފީހުން އަންނަނީ ކުރަމުންނެވެ.

އޮޑިޓް އޮފީހުން 2013 ވަނަ އަހަރު ނެރުނު ރިޕޯޓަކުން ފެންމަތިވި، އެ މައްސަލައާ ގުޅިގެން އޭސީސީގެ ތަހުގީގަށް ފަސް މީހަކު އޭރު ފުލުހުން ހައްޔަރު ކުރި އެވެ. އެއީ އެ ޑިޒާސްޓާ ސެންޓަރުގެ އިސް ވެރިއަކަށް ކުރިން ހުންނެވި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދާއި މއ. އެވަގްލޯރީ އަހުމަދު އާރިފު (އާއްޓޭ) އާއި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދާއި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ، ހ. ރަބީއީ މަންޒިލް މުހަންމަދު ޝާހިދެވެ.

ނަމަވެސް ދައުވާ ކުރަން ފޮނުވީ އެ މީހުންގެ ތެރެއިން ކޮން ބައެއްގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ.

އެ މައްސަލައިގައި އެކުލަވާލި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ 2005 ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކެއްގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ އަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށެވެ.

އެ ފައިސާ ނެގި ފޯމްތަކުގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ ފޯމްތަކަށް އިންވޮއިސް ތައްޔާރުކޮށްގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް 700 އަށް ވުރެ ގިނަ އިންވޮއިސް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން 571 އިންވޮއިސް އަށް 24 މިލިއަން ރުފިޔާ އޮޅުވާލައިގެން މަކަރާއި ހީލަތުން ދައުލަތުގެ މާލިއްޔާއިން ނަގާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޑީއެމްސީގެ ތެރެއިން ހިންގާފައިވާ އެ ހިޔާނާތުގެ މުޅި މުއާމަލާތަށް ބަލާއިރު އެއީ ދައުލަތުގެ މުހިންމު ދެ މުއައްސަސާއެއްގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިނުގެން ހިންގާފައިވާ ހިޔާނަތެއް ކަމުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.