ވިޔަފާރި

ދިރާގުން ހިއްސާއަކަށް 14.37ރ. ބަހަން ނިންމައިފި

Apr 20, 2017
2

ދިރާގުގެ ހިއްސާދާރުންގެ ހިއްސާއަކަށް 14.37ރ. ބަހަން އެ ކުންފުނިން މިރޭ ނިންމައިފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި މިރޭ ބޭއްވި އެ ކުންފުނީގެ 28 ވަނަ އަހަރީ އާއްމު ޖަލްސާގައި ހާޒިރުވި، 33 ހިއްސާދާރުންގެ ތެރެއިން 25 ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ (އަހަރު މެދުތެރޭ ބަހާ ފައިދާ) ގޮތުގައި ހިއްސާއަކަށް 8.45ރ ބަހާށެވެ. އަދި މި އަދަދާއެކު އެ ކުންފުނިން ބަހާ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37ރ. ޖެހޭނެ އެވެ.

ދިރާގުގެ ހިއްސާދާރުން މިރޭ ފާސްކުރި މި ނިންމުމާއެކު، މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 642 މިލިއަން ރުފިޔާ ބަހާނެ އެވެ. އަދި މިއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާގެ އަދަދު 1.09 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް 2015 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާއަކީ 725 މިލިއަން ރުފިޔާ އެވެ.

ދިރާގަކީ ބަހުރެެއިންގެ ޓެލެކޮމިއުނިކޭޝަން ލިމިޓެޑް (މަޓެލްކޯ) ގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް އަދި އާއްމުންގެ 6.2 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.