ވިލިމާލެ

ވިލިމާލޭގައި ވެސް ބޯހިޔާވެހިކަމުގެ ބޮޑު މަޝްރޫއެއް ފަށަނީ

ވިލިމާލޭގައި ހައުސިންގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ޕީޕީއެމްގެ ވިލިމާލެ ކެނޑިޑޭޓްގެ ކެމްޕެއިން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ތިމާވެއްޓާ ރައްޓި ގޮތުގައި ތަރައްގީ ކުރާ ވިލިމާލޭގެ ތަރައްގީއަށް ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަން ރޭވިފައިވާ ކަމަށާއި މުޅި ގައުމަށް ރައީސް އަބްދުﷲ ޔާމީން ގެނެސް ދެއްވާ ތަރައްގީގެ އިންގިލާބުގައި ވިލިމާލެ ވެސް ހިމެނޭ ކަމަށާއި ވިލިމާލެ އެއް ފަރާތް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ބޯހިޔާވަހި ކަމުގެ ބޮޑު މަޝްރޫއެއް ވިލިމާލޭގައި ފެށުމުގެ ވިސްނުން އެބަ އޮތް ކަމަށާއި އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

"ބޯހިޔާވެހިކަމަކީ މި ސަރުކާރު ކުރިޔަށް ގެންދަވާ ވަރަށް ވެސް މުހިންމު ކަމެއް. އެ ދާއިރާގެ ބޮޑެތި މުހިންމު މަޝްރޫއުތައް ގެންދަވަން. އަދި އެކަމުގައި ވިލިމާލެ ވެސް ހިމެނޭނެ. އެގޮތުން ވިލިމާލޭގައި ހައުސިން މަޝްރޫއެއް ކުރިޔަށް ގެންދަވުމަަށް ރައީސްގެ ވިސްނުން އެބަ ހުރި،" މުއިއްޒު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ އިތުރުން ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޕާކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެ މަޝްރޫއުގެ ކޮންޓްރެކްޓެރެއް ހޮވި ޑިޒަންތައް ހަދާ ނިންމާ އަދި ތަކެތި ސަޕްލައިން ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާތަނަށް ވެސް ވިލިމާލޭ ދާއިރާއަށް ކައުންސިލަކުން އެއްވެސް އެއްވެސް ކަމެއްކޮށްދީފައިވާ ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީން ކުރާ މަސައްކަތްތަކަށް ކައުންސިލަރުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކައުންސިލަރެއް ހުރުން ވަރަށް މުހިންމު ކަމަށެވެ.