ސްރީ ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން ދިޔަ ދިވެހިންތަކެއް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކޮށްފި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ޕޮލިސް ނާކޮޓިސް ބިއުރޯއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 25 އަހަރުގެ މީހެއް ކަމަށާއި އޭނާއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އޭގެފަހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝިފާން ވިދާޅުވީ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރު ކުރި ކަމަށާއި ނަމަވެސް އޭނާގެ އަތުން ފެނުނީ 100 ގްރާމް ކެނަބިސް ކަމަށެވެ. އެއީ ލަންކާގައި ގެންގުޅުން މަނާއެއްޗަކަށް ނުވާތީ އަންހެން މީހާ ދޫކޮށްލާފައިވީ ނަމަވެސް މައްސަލަ ބަލަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ހައްޔަރު ކުރި ތިން ފިރިހެނުންގެ އަތުން 165 ގްރާމްގެ ހެރޮއިން އާއި 125،000 ލަންކާ ރުޕީސް އާއި 10،000 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށެވެ.
އެމީހުންނަކީ ޕާކިސްތާނާއި ތައިލެންޑާއި ހޮންކޮންގް އަދި އިންޑިއާ ގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަމަށާއި އެ މައްސަލާގައި ހިމެނޭ 25 އަހަރުގެ މީހާ 2012 ވަނަ އަހަރުގެ ފަހުން ތަފާތު ނަންނަމުގައި އެކި އެކި ޕާސްޕޯޓު ބޭނުންކޮށްގެން އެ ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމީހުން މަސްތުވާތަކެތީގެ ނެޓުވޯކު ހިންގަނީ ލަންކާގެ ބަޔަކާ ގުޅިގެން ކަމަށާއި އެ މައްސަލާގައި ލަންކާގެ ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ