ދުނިޔެ

މި ފޮޓޯގެ ހަގީގަތް އެނގުމުން ހިތް ކުދިކުދި ވާނެ!

Apr 1, 2015
2

މި ކުޑަ ކުއްޖާ އަތް މައްޗަށް ނަގައިގެން މި ހުރީ ކުޅިވަރެއް ކުޅޭކަށް ނޫނެވެ. ފޮޓޯ ނަގާ މީހާއާ ސަމާސާ ކުރަނީއެއް ވެސް ނޫނެވެ. އެކަމަކު އެ ކުއްޖާގެ ދެ ލޮލަށް ރަނގަޅަށް ބަލައިލުމުން ފެންނާނީ ނާއުންމީދެވެ. ބިރުުވެރިކަމުގެ އިހްސާސެވެ. މިއީ ދާހިލީ ހަނގުރާމައެއްގެ ތެރޭގައި ސުންނާފަތިވެ އެ ސުންނާފަތިކަން ކޮންމެ ދުވަހަކު ވެސް ބޮޑުވަމުންދާ ސީރިއާގައި ނަގާފައިވާ ފޮޓޯއެކެވެ.

މި ކުއްޖާ ދެ އަތް މައްޗަށް ނަގައިގެން އެ ހުރީ އަމާން ދިނުމަށެވެ. ފޮޓޯގްރާފަރު ކެމެރާ ދިއްކޮށްލުމުން އެ ކުއްޖާ އަށް ހީކުރެވުނީ އެ ކުއްޖާގެ މެޔަށް ބަޑިއެއް އަމާޒުކޮށްލީ ކަމަށެވެ. ކޮންމެ ދުވަހަކު ފެންނަނީ އެފަދަ މަންޒަރުތައް ކަމަށް ވުމުން އެ ކުޑަކުޑަ ސިކުނޑިއަށް އެގޮތަށް ވިސްނުން އެއީ މަޖާ ކަމެއް ނޫނެވެ.

އެ ކުދިންގެ ކުރިމަތީގައި ކޮންމެ ދުވަހަކު އެގޮތަށް އެތައް ބަޔަކު މަރަ އެވެ. މަރާލަނީ ވަކި ސަބަބެއް އޮވެގެން ނޫންކަން އެނގެ އެވެ. ތިމާގެ ބައި މީހަކު ނޫނީ މަރާލަނީ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކޮންމެ ދުވަހެއްގެ ވެސް އެންމެ އާންމު ކަމަކީ މެރުމެވެ. އެހެންވެ އެ ކުއްޖާ ވެސް ގަބޫލުކޮށްގެން އެ ހުރީ އެ ކުއްޖާގެ އެއްވެސް ކުށެއް ނެތް ނަމަވެސް އަނިޔާވެރިކަމާ އެކު ހަމަ ކޮންމެ ވަގުތަކު ވެސް މަރާލަފާނެ ކަމަށެވެ.

ތުރުކީގެ ފޮޓޯގްރާފަރެއް ކަމަށްވާ އުސްމާން ސަގިރިލް ނަގާފައިިވާ މި ފޮޓޯ އަންގާރަ ދުވަހުން ފެށިގެން ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. މި ފޮޓޯ އެންމެ ފުރަތަމަ ޓްވީޓްކޮށްފައި ވަނީ ފަލަސްތީނުުގެ ގާޒާގައި ހުންނަ ފޮޓޯގްރާފަރެއް ކަމަށްވާ ނާދިއާ އަބޫ ޝަބާން އެވެ. އޭނާ ޓްވީޓް ކުރަމުން ލިޔެފައި ވަނީ ފޮޓޯ އިން ފެނުނު މަންޒަރާ އެކު އޭނާ އަށް ރޮވިފައިވާ ކަމަށެވެ. އިންތިހާ އަށް ދެރަވެއްޖެ ކަމަށެވެ. އިންސާނިއްޔަތުކަން ފޯރުކޮށްނުދެވި ފެއިލްވެއްޖެ ކަމަށެވެ.

އެންމެ ފުރަތަމަ ޓްވީޓްކުރި މީގެ ފޮޓޯ އެތައް ހާސް ފަހަރަކު ޓްވީޓްކުރުމާ އެކު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކަށް ވެސް ފެތުރިގެން ދިޔަ އެވެ. ބޮޑު ބަހުސަކަށްވި އެވެ. އެއް ބަޔަކު ބުނަމުން ދިޔައީ މިއީ ފޭކް ފޮޓޯއެއް ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ މިއީ އެ ކުޑަކުއްޖާ ލައްވާ ކުޅުވާފައިވާ މަންޒަރެއް ކަމަށެވެ.

ބީބީސީން ވަނީ މި ފޮޓޯ ނެގި މީހާ ހޯދާ ފޮޓޯގެ ހަގީގަތް ހޯދައިފަ އެވެ. މިހާރު ޓެންޒޭނިއާގައި މަސައްކަތްކުރާ އެ ފޮޓޯގްރާފަރު ބުނީ މިއީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި ނެގި ފޮޓޯއެއް ކަމަށެވެ.

"އަހަރެން ބޭނުންކުރީ ޓެލެފޮޓޯ ލެންސެއް. އެހެންވެ އެ ކުއްޖާ ހީކުރީ އަމާޒުކުރީ ބަޑިއެއް ކަމަށް،" ފޮޓޯގްރާފަރު އުސްމާން ބުންޏެވެ.

އޭނާ ބުނީ ކެމެރާ ދިއްކޮށްލުމުން އެއީ ބަޑިއެއް ކަމަށް ހީކޮށް ބިރުގެންފައި ހުރިކަން ފާހަގަވީ ފޮޓޯ ނެގުމަށް ފަހު އެ ފޮޓޯ އަށް ރަނގަަޅަށް ވިސްނާލުމުން ކަމަށެވެ.

"ކެމެރާ ދިއްކުރީމަ ގިނަ ކުދިން ދުވެ ފިލާނީ، ނޫނީ މޫނުގަ އަތް އަޅާނީ،" އުސްމާން ބުންޏެވެ.

ވަރަށް ގިނަ ރެފިއުޖީ ކޭމްޕްތަކަށް ގޮސް ފޮޓޯ ނަގާފައިވާ އުސްމާން ބުނީ އިންސާނުން އުޅެމުންދާ ހާލާއި ކުރަމުންދާ ހިތްދަތި އިހްސާސްތައް އެންމެ ރަނޅަށް އެނގެނީ ރެފިއުޖީ ކޭމްތަކުގައި އުޅޭ ކުޑަކުދިންގެ ހަރަކާތްތަކާއި އެ ކުދިން ދައްކާ ވާހަކަތަކުން ކަމަށެވެ. --ބީބީސީ