ހަބަރު

އަންހެނުންނަށް އިސް މަގާމުތަކުގައި އަދިވެސް ގޮންޖެހުން ބޮޑު: ދުންޔާ

ރާއްޖޭގައި އަންހެނުން އިސް މަގާމްތައް އަދާކުރުމަށް ގިނަގުނަ ހުރަސްތަކެއް އެބަހުރި ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވިމެން އޮން ބޯޑްސްއިން ކުރިއަށް ގެންދިޔަ ޖެންޑާ ޑިސްޕެރިޓީ ދިރާސާ އިއްޔެ ނެރުއްވައި ދެއްވައި ދެއްކެވި ވާހަކައިގަ އެވެ.

ދުންޔާ ވިދާޅުވީ، ވަޒީފާގެ މައިދާނަށް އަންހެނުން ނިކުތުމުގައި ރަސްމީ ހުރަސްތަކެއް ނެތް ކަމަށާއި ނަމަވެސް އިސް މަގާމުތަކަށް ކުރިމަތިލުމަށް ނުވަތަ ކެރިއާގައި ކުރިއަށް ދިއުމުގައި އަންހެނުންނަށް އިޖްތިމާއީ އަދި ސަގާފީ ހުރަސްތައް ހުރި ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ވަޒީފާގެ މައިދާނުގައި ފިރިހެނުންނާ އެއްހަމައެއްގައި ވަޒީފާ އަދާކުރަމުންވެސް ގޭތެރޭގެ ޒިންމާ އަންހެން ކަނބަލުން އުފުލާ ކަމަށާއި ގިނަ ވަގުތު ވަޒީފާގައި ހޭދަކުރާނަމަ މުޖްތަމައުގެ ފަރާތުން ނޭދެވޭ ބަސް އެ ކަނބަލުންނަށް އަމާޒުވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރިކުރުވުމުގައި އެ ކަނބަލުން އިސް މަގާމުތަކުގައި ހަރަކާތްތެރިވުން ވަރަށް މުހިންމަށާއި ސާގާފީ އަދި އިޖްތިމާއީ ހުރަސްތައް ނައްތާލުމުގައި މިހާރު އިސް މަގާމުތައް އުފުލަމުންދާ ކަނބަލުންގެ އެހީތެރިކަން ނުހަނު ބޭނުންވާ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.

ސްކޫލްތަކުގައި ލީޑަޝިޕް ޕްރޮގްރާމްތައް ހިންގުމަށާއި، މެންޓަޝިޕް ޕްރޮގްރާމް ހިންގުމަށާއި ގިނަވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭ އަންހެނުންނަށް އެފަދަ ނިޒާމްތައް ހަމަޖައްސައިދޭންޖެހޭ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ތަރައްގީގެ ހަމަހަމަ ބައިވެރިންކަމުގައި އަންހެނުންވެގެން ދާނީ ނިންމުންތައް ނިންމާ ފެންވަރުގައި ނުވަތަ އިސްމަގާމުތަކަށް އަންހެނުންނަށް ވާސިލްވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

ދުންޔާގެ ވާހަކަ ނިންމަވާ ލައްވަމުން އަންހެނުން ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީތަކަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ދޭއިސްކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މާބަނޑުވުމާ ގުޅިގެން ލިބޭ ޗުއްޓީ އިތުރުކޮށްދިނުން ފަދަ ސަރުކާރުން ނަގާފައިވާ ބައެއް ފިޔަވަޅުތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.