ދުނިޔެ

ފްރާންސްގެ އިންތިހާބު: ހަރުކަށި ލިޕެން ދެވަނަ ބުރަށް

Apr 24, 2017

އިންތިހާބުގެ ކުރިން ބޭއްވި ހިޔާލު ހޯދުމުގެ ސާވޭތަކާ ދާދި ގާތް ކުރާ ނަތީޖާއެއް ފްރާންސްގައި އިއްޔެ ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނުކުމެއްޖެ އެވެ.

އިއްޔެގެ ވޯޓްގެ ނަތީޖާ ދައްކާ ގޮތުން އަންނަ މޭމަހުގެ ހަތް ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވީ ފްރާންސްގެ ރިޔާސަތަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސެންޓްރިސްޓް ސިޔާސަތުގެ އިމެނުއަލް މެކްރޯން އާއި ކަނާތުފިޔައިގެ ހަރުކަށި ސިޔާސަތުގެ މެރިންއެ ލިޕެން އެވެ.

މި ކެންޑިޑޭޓުންގެ ސިޔާސަތަކީ؟

އުމުރުފުޅުން 39 އަހަރުގެ މެކްރޯން އަކީ ފްރާންސްގެ ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރައްވާ އެންމެ އުއްމީދީ ކެންޑިޑޭޓެވެ. މިނިވަން ސިޔާސީ ބޭފުޅަކަށް 2009 ވަނަ އަހަރު ވެވަޑައިގެންނެވުމުގެ ކުރިން އޭނާ އުޅުއްވީ ސޯޝަލިސްޓް ޕާޓީގަ އެވެ. ކަނާތުފިޔައިގެ ހަރުކަށި ލިޕެންއާއެކު އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވިއްޖެ ނަމަ އޭނާ ފަސޭހައިން ލިޕެން ބަލި ކުރައްވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އޭނާގެ ސިޔާސަތަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގައި މިހާރު އޮތް ފަދަ ސިޔާސީ ނުތަނަވަސް ކަމަކަށް ފްރާންސް ވައްޓައި ނުލެއްވުމެވެ. އެހެން ކެންޑިޑޭޓުންނާ ހިލާފަށް އޭނާ ވަނީ މުސްލިމުންނާ މެދު ރުޅިވެރި ވާހަކަ ދެއްކެވުމާ ދުރުވެވަަޑައިގެންފަ އެވެ. މީހުން ހިޖުރަ ކުރުމާ މެދު ވެސް އޭނާ ގެންގުޅުއްވަނީ ހުޅުވައިލެވިފައިވާ ސިޔާސަތެކެވެ.

މިދިޔަ މާޗްމަހު ރަޝިޔާގެ ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލިޕެން ވިދާޅުވީ "އާ ދުނިޔެއެއް ފާޅުވެއްޖެ" ކަމަށެވެ. އޭނާ އުއްމީދު ކުރައްވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ރިޔާސީ ކާމިޔާބު ކުރެއްވި ގޮތަށް އަދި އިނގިރޭސިން އީޔޫއިން ވަކިވާން ނިންމި ވޯޓް ފަދަ ގޮތަކަށް މީހުން ހައިރާން ކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާށެވެ. އޭނާ ތަމްސީލު ކުރައްވާ ނެޝަލް ފްރޮންޓަކީ ކަނާތުފިޔައިގެ ހަރުކަށި ޕާޓީއެކެވެ.

ކަނާތު ފިޔައިގެ ހަރުކަށި ލީޑަރެއްގެ ދަރިކަނބަލެއް ކަމަށްވާ ލިޕެން އުފަންވެވަޑައިގެންނެވީ 1968 ގައެވެ. އޭނާއަކީ އިސްލާމްދީނާ ދެކޮޅު، ޔޫރަޕިއަން ޔޫނިއަންއާ ވެސް ދެކޮޅު ބޭފުޅެކެވެ. ރައީސްކަން ލިބިވަޑައިގެންފި ނަމަ، ފްރާންސް އީޔޫއިން ވަކިވާން ފެނޭތޯ ވޯޓެއް ނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފްރާންސްފަގައި ފާއިތުވި 60 އަހަރުވެސް ވެރިކަން ކޮށްފައި ވަނީ ސެންޓަ ރައިޓް ސިޔާސީ ލީޑަރުންނާއި ސެންޓާ ލެފްޓް ސިޔާސީ ލީޑަރުންނެވެ. އެހެންވީމާ އިއްޔެ ބޭއްވި އިންތިހާބުގައި ލިޕެންއާއި މެކްރޯންއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ ހާއްސަ ބަދަލެކެވެ.

އިއްޔެގައި ކުރި ހިޔާލުހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވާނެ ކަމަށް ބެލެެވެނީ މެކްރޯންއެވެ. އެއީ 64 ޕަސެންޓް ވޯޓް ކާމިޔާބުކުރައްވައިގެންނެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންމަ މޭމަހުގެ ހަތް ވަނަ ދުވަހުއެވެ.