ދުވާލު ހަތަރު ދަމު މަސައްކަތުގައި އުޅެފައި އަންނައިރު ގައިގަ ހުންނަ ދަލާއި ގެނދަބުޅިތަކުގެ އަސަރުން މުޅި މީހާގެ ހަމުގެ ކުލަ ބަދަލުވާ ވަރަށް ގައިގެ ހަން ހުންނަނީ ހަޑިވެފަ އެވެ. ހާއްސަކޮށް މޫނަކީ މި ހުރިހާ ގެނދަބުޅި ތަކެއް ޖަމާވާ އަދި އަސަރު އެންމެ ފުރަތަމަ ފެންނަ އެއް ގުނަވަނެވެ. ވީމާ މިފަދަ ހޫނު ދުވަސްވަރެއްގައި ބޭރުގައި އުޅެފައި ގެއަށް ވަދެ ގައިގެ ހަމަށް ހާއްސަކޮށް މޫނަށް ހާއްސަ ސަމާލުކަމެއް ދީ ސާފުތާހިރު ވާންޖެހެ އެވެ. މި ގޮތުން ހަމަށް ފައިދާ ހުރި ފޭސްޕެކެއް ގޭގައި ތައްޔާރު ކޮށްލުމަކީ މާއުނދަގޫ ކަމެއް ނޫނެވެ.
ކެލާ ޕޭސްޓް
ކެލައަކީ މޫނުގެ ހަން އުޖާލާކޮށް މޫނުގައި ވަޅުގަނޑުތަކުގެ ގޮތުގައި ހުންނަ ޕޯސްތައް ކުޑަކޮށްދީ ހަން ވާންކޮށްދޭ އެއްޗެކެވެ. އަދި ލަކުނު ފިލުވައިދީ މޫނުމަތި އަލިކޮށްދޭ އެއްޗެކެވެ. އެގޮތުން މޫނާއި ކަރުގައި އުނގުޅަން ބޭނުންވާ ވަރަށް ކެލާ ތައްޓަކަށް އެޅުމަށްފަހު ރޯސްވޯޓާ ފޮދަކާއި އެއްކޮށް ޕޭސްޓެއް ގޮތަށް ތައްޔާރު ކޮށްލާށެވެ. އަދި މޫނާއި ކަރުގައި އުނގުޅުމަށްފަހު ހިކެންދެން މަޑުކޮށްލާށެވެ. މި މާސްކަކީ މިފަދަ ހޫނު ދުވަސް ވަރެއްގެ ބޭނުންކޮށްލުމަށް ވަރަށް ރަނގަޅު މާސްކެކެވެ.
ރޯސް ވޯޓާ
މިއީ ގަދަހޫނުން ހަމަށް ލިބިފައި ހުންނަ އުދާސްކަން ފިލުވާލުމަށް އެންމެ ރަނގަޅު އެކައްޗެކެވެ. ރޯސްވޯޓާ (ފިނިފެން) ބޭނުންކޮށްގެން މޫނު ދޮވެލުމުން ނުވަތަ ކަފަކޮޅެއް ބޭނުން ކޮށްގެން މޫނުމަތި ސާފުކޮށްލުމުން މީހާ ތާޒާކަމަށް ދައްކާނެ އެވެ.
އޯބަތް
އޯބަތް ރޭގަނޑު ފެނަށް އަޅާފައި ބެހެއްޓުމަށްފަހު، ހެނދުނު ތެދުވެ އޯބަތު ފެންތައްޓެއް ބޯލާށެވެ. މިއީ މީހާގެ ހަށިގަނޑުން ފެންމަދުވިޔަ ނުދީ އަދި ހަމަށް ވެސް އެތައް ފައިދާ ތަކެއް ކުރުވާ ފެނެކެވެ. މީގެ އިތުރުން ވެސް އޯބަތުފެން ގަވައިދުން ބޯނަމަ އެކަމުގެ އަސަރު މޫނުމަތީގެ އިތުރުން ބޮލުގެ އިސްތަށިގަނޑުން ވެސް ފެންނާނެ އެވެ. އަޖުމަ ބަލައިލާން އަޅެ އޯބަތު ފެންބޯން ފަށައިބަލާށެވެ.
ކިއުކަމްބާ
މަސައްކަތުން އެނބުރި އައިސް މޫނު ފެންދޮކުން ދޮވެލުމަށްފަހު ކިއުކަމްބާ ތުނިކޮށް ކޮށާފައި މޫނުމަތީގައި އަތުރާށެވެ. މިއީ މޫނު އުޖާލާ ކަމަށް ދައްކާ އަދި ލޯކައިރި ކަޅުވުމުން ސަލާމަތް ވާން ކުރެވިދާނެ ކަމެކެވެ. ގަވައިދުން ކިއުކަމްބާ ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ތަފާތު ފެންނާނެ އެވެ.
ރީނދޫ
މިއީ މޫނުގައި ނުފިލައިގެން އުޅެންޖެހޭ ބިހިން ރައްކާތެރި ވާން އޮތް ފަސޭހަ ގޮތެކެވެ. ސަބަބކީ ރީނދޫގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މޫނު ސާފުކޮށްދީ އުޖާލާކޮށްދޭނެ އެވެ. ބައި ސަމްސާ މާމުއިގެ ތެރެއަށް ކުޑަ ރީނދޫކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓެއް ގޮތަށް އެއްކޮށްލާށެވެ. އަދި ދިހަ ވަރަކަށް މިނެތް ބެހެއްޓުމަށްފަހު ރީތިފެންފޮދަކުން ދޮވެލާށެވެ. -
ޓޮމާޓޯ ޖޫސް އަދި މާމުއި
ދެ ސަމްސާ ޓޮމާޓޯ ޖޫހުގެ ތެރެއަށް އެއް ސަމްސާ މާމުއި އެއްކުރުމަށްފަހު މޫނު އަދި ކަރުގައި ރަނގަޅަށް އުނގުޅާލާށެވެ. މިއީ އިރުގެ އަވިން ހަން އެނދުމާއި ކުރަކިވެ ހަލާކުވާނަމަ ބޭނުން ކުރަން ވަރަށް ރަނގަޅު މާސްކެކެވެ.