ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް އަމަލު ކުރެވި ބޭފުޅުންނަށް ފިޔަވަޅު އަޅަން އެ ޕާޓީން ނިންމައިފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވި ގޮތުގައި އެ ޕާޓީއަކީ ޑިމޮކްރަސީއާ އެއްގޮތަށް ކުރިއަށް ދާ ޕާޓީއެކެވެ. އަދި އެ ޕާޓީން ނެރޭ ވިޕްލައިންތަކާއި އެއްގޮތަށް ޕާޓީގެ މަޖިލީހުގެ މެންބަރުން އަމަލު ކުރައްވަން ޖެހޭނެ ކަމަށް އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވިޕްލައިނެއް ނެރެފައި ވަނިކޮށް މަޖިލީހުގެ ޖަލްސާއަށް މަގުބޫލު އުޒުރެއް ނެތި ނުދިޔުމާއި މަޖިލީހަށް ވަޑައިގެން އެ އުސޫލާ ހިލާފަށް ވޯޓު ދިނުމަކީ ޕާޓީން ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި އެންމެ ރަނގަޅުގޮތަކަށް ވާނީ "އެ މެންބަރަކު ހިތާވާ ފިކުރެއްގެ ބަޔަކާ ގުޅުން" ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"ވިޕްލައިން ބްރޭކް ކުރުމަކީ އައިސް ނައުމާ. ވަދެފަ ވޯޓު ނުދިނުމާ. ދެން ޓިކެޓޭ ދަންނަވާނެ ކަމެއް ނެތް،" އަލީ ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ވޯޓުގައި ބައިވެރިނުވަނީ އެމްޑީޕީގެ ހަ މެންބަރެކެވެ. އެ މެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކެވެ.
އަލީ ވިދާޅުވި ގޮތުގައި މިއަދު ބޭއްވި ޖަލްސާގައި ވޯޓުދިން 17 މެންބަރުންނަކީ ހުދުމުހުތާރު ކަމާ ދެކޮޅަށް ހިތްވަރާ އެކު ވޯޓުދިން މެންބަރުން ކަމަށެވެ.