ވިޔަފާރި

ޑޮލަރުގެ ބްލެކް މާކެޓް ކުއްލިއަކަށް ވެއްޓިއްޖެ!

Apr 24, 2017
5
  • ވިޔަފާރިތަކަށް ޑޮލަރު ހޯދަން ފަސޭހަ
  • މި ބަދަލު އައީ އެމްއެމްއޭގެ ފިޔަވަޅަކުން
  • ތަކެތީގެ އަގު ހެޔޮވާނެ ކަމަށް ބުނޭ

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރު ކުންފުނިތަކަށް މިދިޔަ މަހުން ފެށިގެން ޑޮލަރު ވިއްކަން ފެށުމާއެކު ބްލެކް މާކެޓުގެ ޑިމާންޑް ދަށްވެ، ކުއްލި ގޮތަކަށް ވަރަށް ބޮޑުތަން "ވެއްޓިއްޖެ" އެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ރޭޓަކީ 15.42 އެވެ. އަދި މި ރޭޓަށްވުރެ މަތިން ޑޮލަރުގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ކުށެކެވެ. ނަމަވެސް ޑޮލަރުގެ ޑިމާންޑް މަތިވާ ދުވަސްވަރު ބްލެކް މާކެޓުގައި ޑިމާންޑް އުފުލި އަގުތައް މަތިވެ އެވެ. މިގޮތުން ކުރިން 16.80ރ. އާއި 17ރ. އަށް ބްލެކް މާކެޓުގައި ޑޮލަރު ވިއްކި، ނަމަވެސް މިހާރު އާއްމު ރޭޓަކީ 16.20ރ. އާއި 16ރ. އެވެ.

މި ބަދަލާ ބެހޭ ގޮތުން، މަރުކަޒީ ބޭންކުގެ، އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު "އަވަސް" އަށް ވިދާޅުވީ ކުރިން ވެސް ސަރުކާރު ކުންފުނިތަކަށް ޑޮލަރު ވިއްކާ ކަމަށާ ނަމަވެސް މިހާރު ޑޮލަރު ވިއްކާ ކުންފުނިތަކުގެ އަދަދު އިތުރު ކޮށްފައިވާ ކަމަށެވެ.

"ކުރިން ދެ ތިން ކުންފުންޏަށް އާއްމުކޮށް މި ވިއްކަނީ. އެކަމަކު މިހާރު ރައްޔިތުންނާ ގުޅުންހުރި މަސައްކަތް ތަކަށް ބޭނުންވާ މުދާ އެތެރެ ކުރަން ސަރުކާރު ކުންފުނިތަކަށް މި ދަނީ ޑޮލަރު ވިއްކަމުން. މިކަމުގެ ހެޔޮ ބަދަލު ވެސް ދަނީ ފެންނަމުން،" މަންސޫރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން ކުންފުނިތަކުން ހަމައެކަނި މަރުކަޒީ ބޭންކުން ޑޮލަރު ގަންނަ ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މި އެންގުމާ ގެންގުމާ ގުޅިގެން ސަރުކާރު ކުންފުނިތަކުން މިހާރު ޑޮލަރު ގަންނަމުން ގެންދަނީ ހަމައެކަނި މަރުކަޒީ ބޭންކުންނެވެ. ނަމަވެސް މިކަމާބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތްވަނީ ނުވެފަ އެވެ.

ޑޮލަރުގެ ބްލެކް މާކެޓު ދަށްވެފައިވާއިރު މި ދުވަސް ވަރަކީ ޑޮލަރުގެ ޑިމާންޑް މަތިވެގެންދާ އެއް ދުވަސްވަރެވެ. ރޯދަ މަހަށް މުދާ އެތެރެކުރަން ކުންފުނިތަކުން ޑޮލަރު ގަންނަން ފެށުމާއެކު ބްލެކް މާކެޓުގައި ޑޮލަރުގެ ރޭޓް މަތިވެގެންދެ އެވެ. މިގޮތުން މިދިޔަ އަހަރު މި ދުވަސްވަރު ޑޮލަރު ވިއްކާފައިވަނީ 16.80ރ. އާއި 17ރ. އަށްވުރެ މަތީގަ އެވެ. ނަމަވެސް މިހާރު ވަނީ ދަށްވެފަ އެވެ.

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ވެސް ވަނީ ޑޮލަރުގެ އަގު އަގު ދަށްވެފައިވާ ކަމަށް ބުނެފަ އެވެ. "އަވަސް" އަށް ވާހަކަ ދައްކަމުން އެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއީލް އާސިފު ވިދާޅުވީ ޑޮލަރު މާކެޓު ދަށްވެފައިވާ ކަމަށާ މިއީ ވިޔަފާރިތަކަށް ލިބޭ ބޮޑު ފައިދާއެއް ކަމަށެވެ.

"މީގެ މައިގަނޑު ސަބަބަކީ ޑޮލަރު ލިބޭ އަދަދު އިތުރުވުން. ބޭރަށް ފުރާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ހަމަޖެހުން ފަދަ ކަންތައްތައް. މިއީ ހެޔޮބަދަލެއް. ރާއްޖެއަކީ 99 ޕަސެންޓް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް،" އާސިފު ވިދާޅުވި އެވެ.

ކުންފުނިތަކުން ބުނަނީ:

ޑޮލަރު ލިބުން ފަސޭހަ ވެގެން ދިޔަކަން ރާއްޖެ އަށް މުދާ އެތެރެކުރާ ބައެއް ކުންފުނި ތަކުން ވެސް ވަނީ ބުނެފަ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ލިލީ ކުންފުނީގެ ޗެއާމަން މައްލާ އަހުމަދު ނާސިރު "އަވަސް" އަށް ވިދާޅުވި ގޮތުގައި މިހާރު ޑޮލަރު ލިބުން ފަސޭހަ އެވެ.

"މިދިޔަ އަހަރަށްވުރެ ބޮލަރު ލިބުން މިހާރު ފަސޭހަ ވެއްޖެ. ހީވަނީ މި ބަދަލު އައިސްގެން އުޅެނީ ސަރުކާރުން ގެނެސްގެން އުޅޭ ބަދަލެއްގެ ސަބަބުން ހެން،" ނާބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލުގެ ސަބަބުން ރޯދަ މަހު މުދަލުގެ އަގު ހެޔޮވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަޅުގަނޑު މި ބުނަނީ ހުރިހާ އެއްޗެއްސެއް ނޫން. އެކަމަކު ބައެއް ސާމާނުގެ އަގު ހެޔޮވުމުގެ ފުރުސަތު އެބައޮތް،" ނާބެ ވިދާޅުވި އެވެ.

ރާއްޖޭގައި އާއްމު މުދާ އެންމެ ފުޅާކޮށް ވިއްކާ ރެޑްވޭވުން ވާހަކަ ދެއްކި އޮފިޝަލަކު ވެސް ވިދާޅުވީ މިހާރު ޑޮލަރު ލިބެނީ 16.30 ވަރަށް ކަމަށެވެ. ނަމަވެސް މި ބަދަލު އައިސްގެން އުޅެނީ އޭނާ ވިދާޅުވި ގޮތުގައި މުދާ ވިކޭ އަދަދު ދައްވުމުންނެވެ.

"މުދާ ނުވިކެންޏާ އިމްޕޯޓް ދަށްވާނެތާ؟ އެހެންވެ ޑޮލަރުގެ ޑިމާންޑު ވެސް ދަށްވާނެ. އެހެންވެހެން ހީވަނީ ޑޮލަރު ދަށް ވެގެން އުޅެނީ. ކަސްޓަމްސްގެ ހިސާބުތަކުން ދައްކާނެ އިމްޕޯޓް މަތިވާކަން. އެހެންތާ ވާނީ އެއާޕޯޓާއި ބްރިޖު ހަދަން މުދާ އެތެރެ ކުރަންޏާ. އެކަމަކު އާއްމު ވިޔަފާރި މިހާރު ދަށް 20-30 ޕަސެންޓް ވަރު،" އޮފިޝަލް ވިދާޅުވި އެވެ.

ޑޮލަރުގެ މާކެޓު ދަށް ކުރުމަށް އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭން ބޭރަށް ފުރާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ތަކެއް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ގާއިމް ކޮށްފަ އެވެ. އޭގެ ކުރީގައި ޑޮލަރު ވިއްކާފައިވަނީ އެމްއެމްއޭ އިނެވެ. މިގޮތުން އެ މުއްދަތުގައި 14 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.