ވިޔަފާރި

އެމްއައިބީގެ ހުޅުމާލެ ބްރާންޗް ހުޅުވައިފި

ގިނަ ބަޔަކު އާބާދުވަމުން އަންނަ، ހުޅުމާލޭގައި މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ގެ ބްރާންޗެއް ހުޅުވައިފި އެވެ. އެމްއައިބީގެ ހުޅުމާލޭ ބްރާންޗް ރަސްމީކޮށް ހުޅުވާދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

އެމްއައިބީގެ ހުޅުމާލޭ ބްރާންޗު ހުޅުވުމަށް ސެންޓްރޯގައި މިއަދު ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަރިތު ހާރޫން ވިދާޅުވީ ހުޅުމާލެއަކީ އެކި ދާއިރާތަކުން ތަރައްގީވަމުން އަންނަ އަލި މުސްތަގުބަލެއް އޮތް ރަށެއް ކަމަށާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު އެ ތަރައްގީ އިންތިހާއަށް އިތުރުވާނެ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމިކް ބެންކުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށާއި އެ ބްރާންޗަކީ އެމްއައިބީން މިހާތަނަށް ހުޅުވި ހުރިހާ ބްރާންޗުތަކަށް ވުރެ ވަސީލަތްތަކުގެ ގޮތުން ބޮޑު ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ސެންޓްރޯގައި ފުރަތަމަ ހުޅުމާލޭގެ ބްރާންޗް އެޅުމުގެ މަސައްކަތް ފެށިއިރު އެތަން ރަނގަޅަށް ހަދާވެސް ނުނިމޭ. އެއީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި. ނަމަވެސް އެންމެ ފުރަތަމަ އެކަމުގައި އުޅުނީ އަޅުގަނޑުމެންގެ ބެންކުން. އޭގެން ދައްކުވާދެނީ ހުޅުމާލެއަށް އަންނަމުންދާ ތަރައްގީގެ އިންގިލާބުގައި އެމްއައިބީ ވެސް ބައިވެރިވާން ބޭނުންވާ ވަރު،" ހާރޫން ވިދާޅުވި އެވެ. "ކުރިޔަށް އޮތްތާ ވެސް އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުގައި އިސްލާމިކް ބެންކިން ފަތުރާ އަޅުގަނޑުމެންގެ އެކި ބްރާންޗުތައް ހުޅުވުން،"

އެމްއައިބީގެ ހުޅުމާލޭ ބްރާންޗާ ހުންނާނީ ހުވަނދުމާ ހިނގުންގައި ހުންނަ ސެންޓްރޯ މިނީ މޯލްގެ ތެރޭގައެވެ. ހުޅުމާލޭގެ އިތުރުން އެމްއައިބީގެ ހަތަރު ބްރާންޗެއް ރާއްޖޭގައި ހުރެ އެވެ. އެގޮތުން މާލެއާ، އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ވެސް އެކުންފުނީގެ ބްރާންޗެއް ހުރެ އެވެ.

އެމްއައިބީގެ ޗެއާމަން ނަޖުމުލް ހަސަން ވިދާޅުވީ މިއަދު ވިދާޅުވީ އެކުންފުނީގެ ހަވަނަ ބްރާންޗު ހުޅުވުމަށް އިއްޔެ ބޭއްވި ބޯޑް މީޓިންއެއްގައި ނިންމާފައިވާނެ ކަމަށާއި އެގޮތުން ވަރަށް އަވަހަށް އެ ބްރާންޗުވެސް ހުޅުވާ އެމްއައިބީގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ކުންފުންޏަށް ފައިދާ އިތުރު ކުރުމުގެ ބަދަލުގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ އެ ނިޒާމްގެ ތެރެއިން ވީހާވެސް ގިނަ ރައްޔިތުންތަކެއް ބެންކިންގެ ހިދުމަތް ލިބިގަނެވޭނެ ގޮތްތައް ހެދުމަކީ އެމްއައިބީގެ އަމާޒެއް ކަމަށް ނަޖުމުލް ވިދާޅުވި އެވެ.