ހަބަރު

ޒައިދުލް އަމީންގެ ޝަރީއަތް ސިއްރުކޮށްފި

މާލޭ ސިޓީ ކައުންސިލް މެންބަރު ޒައިދުލް އަމީންގެ ޝަރީއަތް ސިއްރުކޮށްފި އެވެ. އޭނާގެ ޝަރީއަތް ސިއްރުކުރި ސަބަބެއް ކުރިމިނަލް ކޯޓުން ނުބުނެ އެވެ.

ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒައިދުގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު މި ތިން ދައުވާގެ އަދަބަކީ ވެސް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބައެއް އިސް ބޭފުޅުން ބްލެކްމެއިލް ކުރުމުގެ ތުހުމަތުގަ އެވެ.

ޒައިދުލް އަމީންއަކީ ޕީޕީއެމްގެ އެތެރޭގައި މައްސަލަ ޖެހި ޕާޓީ ދެބައިވުމުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި ހުންނެވި ބޭފުޅެކެވެ.