ވިޔަފާރި

ސެމްސަންގް ފަހުގެ ފޯނު ދިރާގު ދައްކާލައިފި، އޯޑަރު ކުރުން މިރޭގެ ނިޔަލަށް

Apr 25, 2017
  • ފޯނު ވިއްކަން ފަށާނީ އަންނަ މަހު
  • ފޯނު އޯޑަރު ދިނުން މިރޭ ހަމަވާނެ
  • 64 ޖީބީގެ ކާޑެއް ހިލޭ ލިބޭނެ

ސެމްސަންގްގެ ފޭނުންނަށް މި އޮތީ އުފާވެރި ހަބަރެކެވެ. ދިރާގުން ޕްރީއޯޑަރު ކުރަން ހުޅުވާލި ފުރުސަތު މިރޭ 12:00 އަށް ހަމަވާއިރު، މި ފޯނު އޯޑަރު ދީފައިވާ މީހުންނަށް އަންނަ މަހުގެ ފަސްވަނަ ދުވަހު ފޯނު ލިބޭނެ އެވެ.

ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް ވަނީ ދައްކާލާފަ އެވެ. މި ފޯނުތައް ރާއްޖޭގެ ފޭނުންނަށް ދައްކާލީ ދިރާގުގެ ސީއެމްއޯ އިޒަބެލް ހަޖްރީ އެވެ.

ސެމްސަންގެ ފަހުގެ ފޯނުގެ މައުލޫމާތު ރާއްޖޭގައި ދެމުން، ސެމްސަންގުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ، މެނޭޖިން ޑިރެކްޓަރު ޔޮންގްމިން ސިންގް ވިދާޅުވީ ސެމްސަންގުން މި ފޯނު ތައްޔާރުކޮށްފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އެންމެ ފަހުގެ ވިސްނުންތައް ހިމައިގެން ކަމަށެވެ. އަދި މި ސެމްސަންގުން ދިރާގާ ގުޅިގެން މި ފޯނު ދިވެހިންނަށް ފޯރުކޮށް ދިނުމަކީ ލިބޭ އުފަލެއްގެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފޯނު ފަސް ވަނަ ދުވަހު ލިބޭއިރު 64 ޖީބީގެ މެރޮރީ ކާޑެއް ދިނުމަށް ވެސް ދިރާގުން ވަނީ ނިންމާފަ އެވެ.

ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް ފަރުމާ ކޮށްފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމަނައިގެންނެވެ. ފޯނުގެ ބޮޑު މިނަކީ 5.8 އިންޗި އާއި 6.2 އިންޗި އެވެ. އެންމެ ހާއްސަ އެއް ކަމަކީ "ސިއްރުކޮށްފައިވާ" ހޯމް ބަޓަން އެވެ. އާއްމުކޮށް މިހާރު ވިއްކާ ސެމްސަންގް ފޯނުތަކުގައި ހޯމް ބަޓަން ފެންނަން އިން ނަމަވެސް މި ފޯނުގައި އެ ބަޓަން ފެންނާކަށް ނީނދެ އެވެ. ނަމަވެސް މި ބަޓުން ކުރެވޭ ބޭނުންތައް ފަސޭހަކަމާއެކު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވެ އެވެ.

މީގެ އިތުރުން ސެމްސަންގް ކުންފުނިން މި ފޯނު ފަރުމާކޮށްފައިވަނީ އެންމެ ވަރުގަދަ ސެކިއުރިޓީ ސިސްޓަމްތަކާއެކުގަ އެވެ. ފޯނުގައި ލޮލުގެ ކަޅު ކަޅި ޕާސްވޯޑެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ. އަދި މީގެ އިތުރުން މޫނު ބައްޓަން ވެސް މިގޮތަށް ބޭނުންކުރެވޭއިރު، އާއްމު ފޯނުތަކެކޭ އެއްގޮތަށް ޕެޓާން އެއް ކުރަހައިގެން ވެސް ފޯނު ބޭނުންކުރެވޭނެ އެވެ. އަދި މި ފޯނަކީ ސެލްފީ ނަގަން ދެވިހިފާފައިވާ މީހުންނަށް ވެސް ހާއްސަ ފޯނެކެވެ. މި ފޯނުގެ ފްރޮންޓް ކެމެރާގައި އަށް މެގަފިކްސެލް ހުރެ އެވެ.

ސެންމަންގްގެ އެންމެ ފަހުގެ ފޯނު، ސެމްސަންގް ގެލެކްސީ S8 އަދި ގެލެކްސީ +8S ދިރާގު ވެބްސައިޓް މެދުވެރިކޮށް ދުރާލާ ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. މި ފޯނަށް ޝައުގުވެރިވާ މީހުންނަށް ދިރާގު ވެބްސައިޓް www.dhiraagu.com.mv މެދުވެރިކޮށް ޕްރީބުކް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.