ހަބަރު

ކުނަހަންދޫގައި ދަނޑުވެރިކަމުގެ ތަމްރީނުތަކެއް ހިންގައިފި

ލ. ކުނަހަންދޫގައި ދަނޑުވެރިންނަށާއި ދަނޑުވެރިކަން ކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.

މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ކުނަހަންދޫގައި މިހާރު ނުހައްދާ ބައެއް ބާވަތްތައް ތައާރަފު ކޮށްދީފައި ވެއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ތަމްރީނުތަކުގައި ދަނޑުތަކަށާއި ގޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ޒިޔާރަތްކޮށް ގަސްތަކަށް ދިމާވެފައިވާ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރާނެ ގޮތްތަކާއި ދަނޑުވެރިން ބޭނުން ކުރާ ގަސްކާނާ އާއި ގަހަށް ޖަހާ ބޭސް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރާނެ ގޮތާއި ގޭތެރެއިން އުކާލެވޭ ތަކެތި ބޭނުން ކޮށްގެން ކޮމްޕޯސްޓް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދީ، ބައިވެރިން އަމިއްލައަށް މަސައްކަތް ކުރާނެ މަގު ފަހި ކޮށްދީފައިވާނެ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި 26 އަންހެނުންނާއި ފަސް ފިރިހެނުން ބައިވެރިވެ ތަމްރީނު ފުރިހަމަކުރި އެވެ.