ވިޔަފާރި

ދިރާގު ޓީވީ ހުޅުވާލިތާ ގަޑިއެއްގެތެރޭ ހިލޭ ޖާގަ ހުސްވެއްޖެ

Apr 26, 2017
4

ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގު ޓީވީގެ ހިދުމަތް ދިނުމަށް ހުޅުވާލިތާ ގަޑިއިރެއް ނުވަނީސް 100 ކަސްޓަމަރުން ހިދުމަތް ނަގައިފި އެވެ.

ދިރާގުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ފުރަތަމަ 100 ކަސްޓަމަރުންނަށް އެއް އަހަރު ހިލޭ ހުޅުވާލި މި ފުރުސަތަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. ގަޑިއިރެއް ނުވަނީސް ހުސްވެއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.

ދިރާގު ޓީވީގެ ހިދުމަތް ޖޯއިބޮކްސް މެދުވެރިކޮށެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ފުރަތަމަ ފަހަރެވެ. ދިރާގުން މި ހިދުމަތް ދެނީ އެ ކުންފުނީގެ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް މެދުވެރިކޮށެވެ. މިގޮތުން ހާއްސަ އޮފައެއްގެ ގޮތުން އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީ އާއި ޖޯއި ބޮކްސް އަދި ގުޅައިދިނުން ހިލޭ ދޭނެ އެވެ.

ދިރާގުގެ ޓީވީގެ ހިދުމަތް ތައާރަފު ކުރަމުން، ބިޒްނަސް ޑެވެލޮޕްމެންޓް ޑިރެކްޓާ، އަހުމަދު މައުމޫން ވިދާޅުވީ، މި ހިދުމަތުގައި ގާތްގަނޑަކަށް 60 އާއި ގާތްކުރާ ޗެނެލް ބެލެން ހުންނާނެ ކަމަށާއި، ކުރިއަށް އޮތްތާންގައި އިތުރު ޗެނަލްތައް ވެސް ތައާރަފް ކުރާނެ ކަމަށެވެ. އަދި މި ހިދުމަތުގައި ރާއްޖޭގައި އަދި މިހާތަނަށް ނުލިބޭ ޗެނަލްތައް ހުންނާނެ ކަމަށް ވެސް އޭނާ ވިދޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން އިތުރަށް ވިދާޅުވީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއެކު ކަސްޓަމަރުންނަށް ވީހާ ވެސް ލުއި އަގުތަކެއްގައި ގިނަ ޗެނަލްތަކެއް ބަލާލެވޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުން ޝައުގުވެރިވާނެ ގިނަ ޗެނަލް ތަކެއް ހެޔޮ އަގުތަކެއްގައި ގެނެސްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.