ބޭރު ކުޅިވަރު

ރެއާލްއަށް އޮތް "ބުރަ" ޝެޑިއުލް ބާސާވެސް ބޭނުން: އެންރީކޭ

Apr 26, 2017
2

ރެއާލް މެޑްރިޑަށް އޮތް ބުރަ ޝެޑިއުލް ބާސެލޯނާއަށް ވެސް އޮތްނަމައޭ ހިތަށް އަރާ ކަމަށް ބާސާގެ ކޯޗް ލުއިސް އެންރިކޭ ބުނެފި އެވެ.

ސްޕެނިޝް ލީގް ކާމިޔާބު ކުރުމުގެ މިހާރު އެންމެ ބޮޑު ފޭވަރިޓަކީ، ބާސެލޯނާ އެވެ. އެއް ވަނައިގައި އޮތުމުގެ އިތުރަށް ބާސާ ފޭވަރިޓަކަށް ވެފައި ވަނީ، ޗެމްޕިއަންސް ލީގުން އެޓީމު ކަޓައި މިހާރު ހަމައެކަނި ލީގްގެ މެޗުތައް އެޓީމަށް އޮތުމުން ނެވެ. މިރޭ ބާސެލޯނާ ނިކުންނާނީ، ތާވަލުގެ ފުލުގައި އޮތް އޮސަސޫނާއާ ދެކޮޅަށެވެ.

ބާސާ އާއި އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އޮތް ނަމަވެސް، ރެއާލްއަކީ މިހާރު ދެ ވަނަ ފޭވަރިޓެވެ. އެޓީމަށް އޮތީ ޗެމްޕިއަންސް ލީގްގައި ވަރުގަދަ މެޗުތަކެކެ ކެވެ.

ނަމަވެސް ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނީ، ރެއާލްއަށް އޮތް ޝެޑިއުލް ބާސާއަށް އޮތް ނަމަ، އެ ޓީމުވެސް ޗެމްޕިއަންސް ލީގްގައި އޮންނާނެ ކަމަށާއި ޗެމްޕިއަންސް ލީގްގައި އޮންނަން ބާސާ ބޭނުންވާ ކަމަށެވެ.

މިރޭ ރެއާލް ނުކުންނާނީ، ޑިޕޯޓިވޯ ދެކޮޅަށެވެ. ނިސްބަތުން ބަލާއިރު ބާސާއަށް ވުރެ ރެއާލްއަށް މިރޭގެ މެޗު އުނދަގޫ ވާނެ އެވެ. އެންރިކޭ ބުނީ ބާސެލޯނާ އަށްވެސް އޮތީ އުނދަގޫ މެޗެއް ކަމަށާއި ދަށް ޓީމުގެ ފަރާތުން، އަބަދުވެސް ބޮޑު ޕްރެޝަރެއް ދޭނެ ކަމަށެވެ.

"ވަރަށް ސާފު އަހަރެމެންނަށް ވެސް އޮތީ އުނދަގޫ މެޗުތަކެއް، މިހާ ހިސާބުން ބޮޑު ޕްރެޝަރެއް އޮތީ އަހަރުމެންނަށް، މުޅި ސީޒަންގައި ވެސް ތާވަލުގެ ފަހަތު ގައި އޮންނަ ޓީމުތައް އަހަރެމެންނަށް އެންމެ އުނދަގޫ ކުރިމަތި ކުރުވަނީ، އެހެންވެ އޮސަސޫނާއާ ދެކޮޅަށް ނިކުތުމަކީ އުނދަގޫ ކަމެއް،"

އޭނާ ބުނީ، ރެއާލްގެ ދަނޑުގައި އެޓީމު ބަލި ކުރެވުމުން މުޅި ޓީމަށް ބޮޑު މޯޓިވޭޝަނަކަށް ވެފައިވާ ކަމަށެވެ. އަދި ސީޒަން ނިމެންދެން، ނަފުސާނީ ގޮތުން އެ ލިބުނު މޯޓިވޭޝަން ދެމި ހުންނާނެ ކަމަށެވެ. އެންރީކޭއަށް މިރޭ އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، ސަސްޕެންޝަންގެ ސަބަބުން މިދިޔަ ދެ މެޗުގައި ނުކުޅެވުނު ބްރެޒިލްގެ ފޯވަޑް ނޭމާ އަށް މިރޭ ކުޅެވުމެވެ.