ދުނިޔެ

ތުރުކީގެ 9000 ފުލުހަކު ސަސްޕެންޑްކޮށްފި

Apr 27, 2017

ތުރުކީގައި މިދިޔަ އަހަރު ޖުލައިމަހު ކުރި ބަޣާވާތުގެ އަޑީގައި ހުންނެވި ކަމަށް އެގައުމުގެ ސަރުކާރުން ތުހުމަތުކުރާ ފަތުހުﷲ ގްލެންއަށް ތާއީދުކުރާ ކަމުގެ ތުހުމަތަށް އެގައުމުގެ 9000 ފުލުހަކު ސަސްޕެންޑްކޮށްފިއެވެ.

ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އެމީހުންނަށް ފިޔަވަޅު އެޅީ ގައުމީ ސަލާމަތަށްޓަކައި ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ތުހުމަތުކުރައްވާ ގޮތުގައި ތުރުކީގައި މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ކުރި ބަޣާވާތް ރޭވީ އަމިއްލައަށް އަރުވާލެއްވިގެން އެމެރިކާގައި ދިރިއުޅުއްވާ ފަތުހުﷲ ގްލެން އެވެ. ނަމަވެސް ގްލެން ގެންދަވަނީ އެ ތުހުމަތަށް އިންކާރުކުރައްވަމުންނެވެ.

ފުލުހުންތައް ސަސްޕެންޑް ކުރުމުގެ ދުވަސްކޮޅެއް ކުރިން ތުރުކީގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި 1000 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ސަސްޕެންޑް ކުރި ސަބަބާ ބެހޭ ގޮތުން ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ ވިދާޅުވެފައި ވަނީ އެމީހުން ސަސްޕެންޑް ކުރީ " ސިއްރު އިމާމުން"ގެ ނަމުގައި ތުރުކީގެ ފުލުހުންގެ ތެރެއަށް ވަދެ ތިބި ، ގްލެންގެ ނެޓްވޯކަކާ ދެކޮޅަށް ކުރި މަސައްކަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އޭގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ތުރުކީގެ ބަޣާވާތަށް ފަހު އެކަމާ ގުޅުން ހުރި ކަމުގެ ތުހުމަތަށް ޖުމްލަ 40000 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން 120000 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުންނާއި ޓީޗަރުންނާއި އެހެނިހެން އާއްމު ހިދުމަތްތެރިންނެވެ.