ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގައި ހިނގާ ދިޔަ ކަންކަމާ މިހާރު ހިނގާ ކަންކަމުގައި ހުދާ ކަޅުގެ ތަފާތު ހުރި ކަމަށާއި އެކަންކަމާއި ތަފާތު ރައްޔިތުންނަށް އަލުން ހަނދާންކޮށްދިނުމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.
މާލޭގައި މިއަދު ފެށި ޕީޕީއެމްގެ ދޮރުންދޮރަށް ކެމްޕެއިން ނިންމާލުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށަކާ ދެމެދު ހިނގާ ދިޔަ ކަންކަން ރައްޔިތުންނަށް ހަނދާންކޮށްދޭން ޖެހޭ ކަމަށާއި ތަރައްގީ ނެތި އަނދިރި ކަމެއްގައި އޮތުމާއި ތަރައްގީވެ ކުރިއަރާގައި ދިޔުމުގެ ތަފާތު އަޅާ ކިޔާލަން ޖެހޭ ކަމަށެވެ. އަދި އެ އަހަރުތަކުގައި ބޮޑު ބަޖެޓެއް ރައްޔިތުން މަޖިލީހުން ފަސްކުރާ އިރު ގައުމަށް އައިސްފައި ހުރީ ކޮން ތަރައްގީއެއް ކަމާއި ރާއްޖެއަށް މިހާރު އަންނަ ތަރައްގީގެ ބަދަލުތަކާ މެދު ވިސްނާލާ އިރު ކަޅާ ހުދުގެ ތަފާތު ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން. ހައްގާ ބާތިލާ ދޭތެރޭގައި ހުރި ތަފާތު ރައްޔިތުންނަށް ކިޔައިދޭން. 2009 އަކުން ފެށިގެން 2012 ގެ ފެބްރަވަރީ 12 އާ ހަމަޔަށް ރައްޔިތުންގެ ހިތުގައި ހުރި މާޔޫސްވުންތަކާއި ރައްޔިތުންނަށް ލިބެމުން ދިޔަ ގެއްލުންތަކާއި މުދަލާ ފައިސާއަށް އައި ގެއްލުންތަކާއި ތަންތަން ރޯ ކުރުން ފަދަ ކަންކަން ވިސްނާލަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ކުރީގެ ރައީސް މައުމޫންއާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވެސް އެންމެ ގަދަކަމުން ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން މިހާރު ގުޅިގެން ކުރާ މަސައްކަތަކީ މާ ގިނަ ދުވަހަށް ދެމިގެންދާނެ ކަމެއް ނޫން ކަމަށާއި އެ އިއްތިހާދު ރޫޅޭނެ ކަމަށެވެ.
މިކަންކަމަށް ވިސްނާ އެކަން އަލުން ހަނދާނަށް ގެނެސްފި ނަމަ ޕީޕީއެމްގެ ކައުންސިލަރުން ހޮވަން ޖެހެނީ ކީއްވެ ކަމާ ސުވާލު އުފައްދާކަށް ނުޖެހޭނެ ކަމަށާއި ޕީޕީއެމްގެ ކެމްޕެއިނަށް ނިކުންނަ ފަރާތްތަކުން ރައްޔިތުންނަށް އެކަންކަން އަލުން ހަނދާންކޮށްދޭން ޖެހޭ ކަމަށެވެ. އަދި އުންމީދަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.