- މަސްވެރިކަން ރަނގަޅު ނުވާތާ ދުވަސްވެއްޖެ
- ދުވާލަކު 300 ޓަނުގެ މަސް ބާނާފައިވޭ
- މަސް ކުންފުނިތަކަށް ބާރު ބޮޑުވެފައި
ރާއްޖޭގެ މަސްވެރިކަން ދަށްވެފައި އޮންނަތާ ފަސް އަހަރު ވެއްޖެއެވެ. މިކަމުގެ ގެއްލުން މަސްވެރިންނެކޭ އެއްގޮތަށް ކުންފުނިތަކަށް ވެސް ބޮޑެވެ. މަސްވެރިންގެ އަތްމަތި ދަތިވެފައި ތިބި ގޮތަށް ކުންފުނިތަކުގެ ހާލަތުވެސް ވަކިން ރަނގަޅެއް ނޫނެވެ. ހާއްސަކޮށް ކަޅުބިލަ މަސް ގަންނަ ކުންފުނިތައް ތިބީ ގެއްލުމުގަ އެވެ. މިހެން ތިއްބައި، މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ މަސްވެރިކަން ކުއްލިއަކަށް ރަނގަޅު ވެއްޖެ އެވެ. މި ރަނގަޅުވުން މަސްވެރިކަމުގެ ތަޖުރިބާކާރުން ދެކެނީ އާދަޔާހިލާފު ރަނގަޅުވުމެއްގެ ގޮތުގަ އެވެ.
"މި މަސްވެރިކަމަކީ މި އިން ޒަމާނެއްގައި އައި ކަމެއް ނޫން. މިއީ އާދަޔާ ހިލާފު ރަނގަޅު ވުމެއް،" މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް "އަވަސް" އަށް ވިދާޅުވި އެވެ.
މަސްވެރިކަން ރަނގަޅުވުމާއެކު މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް 200-300 ޓަނު ވަރު ހަމައެކަނި މިފްކޯގެ، ކޫއްޑޫ ފެކްޓްރީއަށް ކިރުވާފައިވެ އެވެ. އަދި ރާއްޖޭގައި މަސް ގަންނަ ހޮރައިޒަންގެ ބޯޓު ފަހަރަށްވެސް މަސް ކިރުވާފައިވެ އެވެ.
މިފްކޯގެ އެމްޑީ އަދްލީ ވިދާޅުވީ މަސްވެރިކަން މިހާރު ހުރި ގޮތުން މިފްކޯ އެކަނި މަސް ގަތުން ދަތިކަމަށްވާނެ ކަމަށެވެ.
"މި ގޮތަށް މަސްވެރިކަން ދާނަމަ މިފްކޯ އެކަނި ހިފަހައްޓައެއް ނުލެވޭނެ. އެހެންވެ މަސް ގަތުން ދޯންޏެއް 2.5 ޓަނަށް ބަދަލު ކުރީ،" އަދްލީ ވިދާޅުވި އެވެ.
މަސް ކުންފުނިތައް "ކޮށި އަރުވާލައިފި"
މަސްވެރިކަން ދަށްވެ، ފެކްޓްރީތަކުގެ ބޮޑު ބައެއް ޝަޓްޑައުން ކޮށްފައި ވަނިކޮށް މަސްވެރިކަން ރަނގަޅުން މަސް ކުންފުނިތަކަވީ "ސަޕްރައިޒް" އަކަށެވެ. މިފްކޯގެ ކޫއްޑޫ ކާރުހާނާގެ ކެޕޭސިޓީއަށް ބަލާއިރު މި ތަނުގައި އެއް އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ.
އެ ކުންފުނީގެ މަސް ބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެ އެވެ. މިކަމުގެ ސަބަބުން މިފްކޯއިން މަސް ގަތުން ކޮންޓްރޯލް ކުރި އެވެ. އެ ކުންފުނިން ބުނި ގޮތުގައި މަސް ގަތުން ކޮންޓްރޯލް ކުރީ ގިނަ އަދަދަކަށް މަސްބާނާއިރު މަސް ފިނިކުރުމަށާއި ރައްކާކުރުމަށް އަދި ކޮލިޓީ ހިފެހެއްޓުމަށް ދަތިތައް މެދުވެރިވުމަކީ ނުވެނުދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއްވެސް މަހެއް ދޫކޮށް ނުލާ މިފްކޯއިން ގަންނަމުންދާކަން އެ ކުންފުނިން ފާހަގަ ކުރި އެވެ. މިގޮތުން ފާއިތުވި ދެދުވަހު އާދަޔާ ޚިލާފަށް ގިނައިން މަސް ބާނާމި ދެ ދުވަހުން 800 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާކަން އެ ކުންފުނިން ފާހަގަ ކުރެ އެވެ.
މި މައްސަލަ ދިމާވެފައިވަނީ ހަމައެކަނި މިފްކޯއަށް އެކަންޏެއް ވެސް ނޫނެވެ. މަސް ގަންނަ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ ކުންފުނީގެ ދަށުން ހިންގާ، ހޮރައިޒަންގެ ބޯޓު ފަހަރަށް ވެސް މިހާރު ވަނީ ބާރު ބޮޑުވެފަ އެވެ.
މި ދުވަސްވަރު ކީއްވެ؟
ރާއްޖޭގެ މަސްވެރިކަމުގެ އިހުޒަމާނުގެ "ޓްރެންޑަށް" ބަލާއިރު މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރަކީ ބުރު ނަކަތަނެވެ. އެންމެ އިހުޒަމާނުގައި އޮއިވާލިތައް ރާއްޖެ ހުރަސްކޮށް މި ދުސްވަރު ދަތުރުކުރާ ކަމަށްވެ އެވެ. އެހެންވެ މި ދުވަސްވަރު ހައްސަ ބާނަ އެވެ. މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދަނީ ބުރުނު ނަކަތުގެ ތެރޭގަ އެވެ. އެހެންވެ މި އަހަރު މިވަނީ އެންމެ އިހުޒަމާނުގައި މަސްވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރާ އެއްގޮތް ވެފައި ކަމަށް ބުނެވިދާނެ އެވެ.
ރޯދަ އަށް ހާއްސަ ކަމެއް!
މި ދުވަސްވަރުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ދޮޑިފަހަރު ފުރާލައިގެން އަންނައިރު މިއީ ރޯދަ އަށް ދެއްވި ނިއުމަތެއްގެ ގޮތުގައި ބައެއް މަސްވެރިން ގަބޫލު ކުރެ އެވެ.
"ދުވަހަކު ވެސް މިވަރުގެ މަސްވެރިކަމެއް ނުދެކެން. ބުނެވިދާނެ މިއީ ރޯދައަށް ދެއްވި ނިއުމަތެކޭ ވެސް. ހަމަ ވަރަށް ބައިވަރު ބޭނޭ،" މާރުކޭޓަށް މަސް ހިފައިގެން އައިސް ހުރި ނައިފަރު ދޯންޏެއްގެ މަސްވެރިއަކު ބުންޏެވެ.
މަސްވެރިން ބުނާ ގޮތުގައި މިހާރުގެ މަސްވެރިކަން ދިގު ދެމިގެން ގޮސްފިނަމަ، މި ރޯދަ މަހަކީ މަސް އެންމެ ތިޔާގި މަހަށްވާނެ އެވެ.
"އާއްމުކޮށް ރޯދަ މަހު އެންމެ އަގު ބޮޑު ވަނީ މަސްތާ؟ އެކަމަކު މިހާރުގެ މަސްވެރިކަން ދާނަމަ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ،" މަސްވެރިޔާ ބުންޏެވެ.
ކޮންމެއަކަސް މަސްވެރިކަން ހީނަރުވެފައިވާތާ ދުވަސްތަކަށްފަހު، މަސްވެރިކަން ރަނގަޅު ވެއްޖެ އެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިފަހަރުގެ މަސްވެރިކަމަކީ މިއިން ދުވަހަކު ނުފެންނަ ކަމެކެވެ.